ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮންޓްރެކްޓް އައުނުކުރީ އެއްބަސްވުމާ ޚިލާފަށް: ޑިޕާއި

ޝެއާ ކުރޭ Facebook Telegram Viber X

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ކޮރިންތިއަންސްގައި އޭނާ މަޑުކުރުމަށް ވެފައިވާ އެއްބަސްވުމެއް މުގުރާލުމަށް ފަހު، ކޮންޓްރެކްޓް އައުނުކުރަން އެ ކުލަބުން ނިންމާފައި ވަނީ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، ނެދަލެންޑްސްގެ ތަޖުރިބާކާރު ފޯވާޑް މެމްފިސް ޑިޕާއި ފިޔަވަޅު އަޅަން ތައްޔާރުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި، އުމުރުން 32އަހަރުގެ ކުޅުންތެރިޔާ ބުނީ އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ކުލަބުގެ ރައީސްގެ އިތުރުން މާލީ، ގާނޫނީ އަދި ކުޅިވަރާބެހޭ ގޮފިން ވެސް ކުރިން ރުހުން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކުލަބުގެ ތެރޭގައި ތިބި ވަކި ބަޔަކު އަޑީގައި ތިބެގެން އެ ނިންމުން ބަދަލުކޮށްފައިވާކަމަށް ޑިޕާއި ވަނީ ތުހުމަތުކޮށްފައެވެ.

މިފަދަ ބަލައިނުގަނެވޭނެ އަމަލުތަކެއް ހިނގައިދިޔައިރު ވެސް އޭނާގެ ފަރާތުން ކުލަބަށް ފުރިހަމަ އިހުތިރާމު އަދާކުރިކަން ފާހަގަކުރަމުން، ޑިޕާއި ވަނީ އޭނާގެ ހައްގުތައް ހޯދުމަށް ޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ. އަދި މި މައްސަލައިގެ ހަގީގަތް ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާއަށް ތިލަކުރާނެ ކަމަށް ވެސް، ކުރިން ބާސެލޯނާ އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ހުނަރުވެރި ފޯވާޑް ހާމަކުރިއެވެ.

ޑިޕާއިގެ މި ތުހުމަތުތަކާ ގުޅިގެން ކޮރިންތިއަންސްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ބްރެޒިލިއަން ލީގުގެ ހަތްވަނައިގައި މިވަގުތު އޮތް ސައޮ ޕައުލޯއަށް ނިސްބަތްވާ މި ކުލަބުން މީގެ ކުރިން ބުނެފައިވަނީ، ޑިޕާއިގެ އެއްބަސްވުން އައުނުކުރަން ނިންމީ ކުލަބުގެ މާލީ ހާލަތު އޮތްގޮތުން އެފަދަ ބޮޑު ހޭދައެއް ކުރުމަކީ ކުލަބުގެ މުސްތަގުބަލަށް އޮތް ނުރައްކަލަކަށް ވާތީ ކަމަށެވެ. އަދި މިއީ ކުލަބުގެ ދެމިއޮތުމަށް ޓަކައި ނިންމަން މަޖުބޫރުވި އުނދަގޫ ނިންމުމެއް ކަމަށް ވެސް އެ ފަރާތުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ކޮރިންތިއަންސްގެ ރައީސް އޮސްމާ ސްޓަބީލް ވަރަށް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ ކުލަބުން މައުލޫމާތު ދެއެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2024ވަނަ އަހަރު ކޮރިންތިއަންސްއާ ގުޅުނު ޑިޕާއި ވަނީ އެ ޓީމަށް ކުޅެދިން 79މެޗުގައި 20ލަނޑު ޖަހައި، ކޮޕާ ޑޫ ބްރެޒިލްއާއި ސުޕަރ ކޮޕާ ޑޫ ބްރެޒިލް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު