އުމުރުން 68އަހަރުގައި އިއްޔެ ނިޔާވި ލަޔޮނަލް މެސީގެ ބައްޕަ މަރުވުމުގެ ހިތާމައިގައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހިތާމަފާޅުކުރުމުގެ ގޮތުން ދިދަތައް ބައިދަނޑިއަށް ތިރިކޮށްފިއެވެ.
މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގެ ހާއްސަ ހުއްދައެއްގެ ދަށުން، އަމިއްލަ ޖެޓެއްގައި މެސީ މިއަދު ހެނދުނު އާޖެންޓީނާއަށް ގޮސްފައި ވަނީ އޭނާގެ ބައްޕަގެ އުފަން ރަށް ކަމަށްވާ ރޮސާރިއޯ އަށެވެ. އާއިލާގެ ފަރާތުން ޖަނާޒާ ބާއްވާނެ ވަކި ވަގުތެއް އަދި ތާރީހެއް ސިއްރުކޮށްފައި އޮތް ނަމަވެސް، ޖަނާޒާގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ސިޓީގައެވެ.
މެސީގެ އާއިލާއަށް ދިމާވި މި ފުން ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)ގެ އިމާރާތްތަކާއި ފުޓްބޯޅައާ ގުޅުންހުރި ހުރިހާ މަރުކަޒެއްގައި ނަގާފައިވާ ދިދަތައް ވަނީ ތިރިކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ދިދަތައް އަލުން އުފުލާނީ ޖަނާޒާގެ ކަންކަން މުޅިން ނިމުމަށްފަހުގައެވެ. މީގެ އިތުރުން، އާޖެންޓީނާގައި މެސީ ކުރިން ކުޅެފައިވާ ކުލަބުތަކުން ވެސް މި ގޮތަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މެސީއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާއިރު، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި ސްޕެއިންގެ ބާސެލޯނާއާއި، ފްރާންސްގެ ޕީއެސްޖީގެ އިތުރުން މިހާރު ކުޅެމުންދާ އިންޓަ މިއާމީން ވަނީ ހިތާމަފާޅުކޮށްފައެވެ. ހަމައެހެންމެ، ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑުން ވެސް ވަނީ މެސީގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށް، 2014ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށް އަދި 2022ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިން ކެޕްޓަންގެ ފުޓްބޯޅަ ހަޔާތުގައި ބައްޕަ ޖޯޖް މެސީ އަކީ އެންމެ މުހިންމު ދައުރެއް އަދާކުރި ފަރާތެވެ. މެސީގެ އުމުރުން އެންމެ 13އަހަރުގައި ސިއްހީ ފަރުވާއަށް ސްޕެއިނަށް ބަދަލުވި ހިސާބުން ފެށިގެން، އޭނާގެ އެޖެންޓެއްގެ ގޮތުގައާއި ކެރިއަރުގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ބައްޕައެވެ. ރިޕޯޓުތައް ބުނާގޮތުން ޖޯޖް މެސީގެ ސިއްހީ ހާލުކޮޅު ގޯސްވާން ފެށީ ދާދި ފަހުން ނިމުނު ބޮޑު މުބާރާތެއްގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.