ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިނގިރޭސި އެންމެ އަގު ބޮޑު ކީޕަރަކަށް ޓްރަފަޑް!

ޝެއާ ކުރޭ Facebook Telegram Viber X

ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުގެ ކަންބޮޑުވުންތަކާ އެކު، މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ އިންގްލަންޑުގެ ގޯލްކީޕަރު ޖޭމްސް ޓްރަފަޑް، 45މިލިއަން ޕައުންޑުގެ ރެކޯޑު ޓްރާންސްފަރ ފީއެއްގައި ލީޑްސް ޔުނައިޓެޑަށް ރަސްމީކޮށް ސޮއިކޮށްފިއެވެ.

ލީޑްސްއިން ޓްރަފަޑް ހޯދުމަށް ކުރި ބޮޑު ހޭދައާއެކު އޭނާ ވެފައި ވަނީ އިނގިރޭސި ފުޓުބޯޅަ ތާރީޚުގައި ވެސް އެންމެ އަގުބޮޑުކޮށް ޓީމު ބަދަލުކުރި އިނގިރޭސި ކީޕަރަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ، 2017ވަނަ އަހަރު ސަންޑަލޭންޑް ދޫކޮށް 30މިލިއަން ޕައުންޑަށް އެވަޓަންއާ ގުޅުނު އިންގްލަންޑުގެ އެއްވަނަ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައެވެ. ޓްރަފަޑް ސިޓީ ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ، އިޓަލީގެ މަޝްހޫރު ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ސިޓީއަށް ގެނައުމުން މެޗުތަކުގައި ކުޅުމުގެ ފުރުސަތު ހަނިވެގެންދާނެތީއެވެ. ނިމިދިޔަ ސީޒަނުގައި އޭނާ ވަނީ ސިޓީގެ ޖާޒީގައި 17މެޗެއް ކުޅެފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ ހަތަރު މެޗުގެ އިތުރުން، އެފްއޭ ކަޕާއި ކަރަބާއޯ ކަޕްގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

ލީޑްސްގެ ކޯޗު ޑެނިއަލް ފާކް، މިހާ ބޮޑު އަގެއް ދީފައި ވެސް ޓްރަފަޑް ގެންނަން މަސައްކަތްކުރީ އެ ޓީމުގެ ގޯލު ބަލަހައްޓަމުންދިޔަ އިލާން މެސްލިއޭ އަދި ކާލް ޑާލޯ ކްލަބު ދޫކޮށް ދިއުމާ ގުޅިގެންނެވެ. ދެ ކްލަބުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، މުސްތަޤުބަލުގައި ލީޑްސްއިން ޓްރަފަޑް އެހެން ޓީމަކަށް ވިއްކާލައިފި ނަމަ، އެ ފީގެ 20އިންސައްތަ ސިޓީއަށް ލިބޭނެއެވެ. މީގެ އިތުރުން، އެހެން ކްލަބަކުން އޭނާ ގަންނަން ހުށަހަޅާ އަގަކާ އެއްވަރުގެ އަގެއް ސިޓީއިން ހުށަހަޅައިފި ނަމަ، އަލުން ޓްރަފަޑް ގަތުމުގެ އިސްކަން އެންމެ ފުރަތަމަ ލިބޭނީ ވެސް މެންޗެސްޓަރ ސިޓީއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓްރަފަޑް ލީޑްސްއަށް މި ބަދަލުވީ، 27މިލިއަން ޕައުންޑުގެ ފީއަކަށް ބާންލީ ދޫކޮށް ސިޓީއާ ގުޅުނުތާ އެންމެ އަހަރެއް ފަހުންނެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރު ސިޓީގެ އެކަޑަމީން ފެށިއިރު، 2023ވަނަ އަހަރު ބާންލީއަށް ސޮއިކުރުމުގެ ކުރިން ލޯނު އުސޫލުން ބޯލްޓަން ވޮންޑަރާސް އަދި އެކްރިންގްޓަން ސްޓޭންލީއަށްވެސް ކުޅެފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު