ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދެކުނު ކޮރެއާގެ ކޯޗް އައްޔަންކުރި މައްސަލަ ފުލުހުން ބަލަނީ

ޝެއާ ކުރޭ Facebook Telegram Viber X

ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހޮންގް މިޔުންގް-ބޯ ހަމަޖެއްސުމުގައި އުސޫލުތަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސޯލްގެ ފުލުހުން ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެފްއޭ)ގެ މައި އޮފީސް އިއްޔެ ބަލައިފާސްކޮށްފިއެވެ.

ބިދޭސީ ކޯޗެއް ގެނައުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު، އެކަން ހުއްޓާލައި ކުއްލި ގޮތަކަށް 2024ވަނަ އަހަރު ހޮންގް އަށް އެ މަގާމު ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޭއެފްއޭއަށް އަމާޒުވިއެވެ. ކުޑަ ވަގުތުކޮޅެއްގެ އިންޓަވިއުއަކަށް ފަހު އޭނާ ހަމަޖެއްސުމަކީ އިދާރީ މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށް ބަލައި ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން 2013އިން 2014އަށް ވެސް ޓީމާ ހަވާލުވެހުރި ހޮންގް ވަނީ، މަގާމާ ހަވާލުވުމުގައި ހާއްސަ އިނާޔަތްތަކެއް ހޯދާފައިވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހު އެ ޤައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ ކޯޗު ޔާގަން ކްލިންސްމަން އަދި ހޮންގް އައްޔަންކުރުމުގައި ކޭއެފްއޭއިން ވަނީ އެ އިދާރާގެ އަމިއްލަ ގަވާއިދުތަކާ ޚިލާފުވެފައެވެ. ނަމަވެސް، ޤާނޫނީ ގޮތުން ކުށެއް ކޮށްފައިވާކަމުގެ ސާފު ހެއްކެއް ފެންނަން ނެތުމުން، ކޯޗުގެ އެއްބަސްވުން އުވާލުމަށް އެ ވުޒާރާއިން އަންގާފައެއް ނުވެއެވެ. 

މި މައްސަލަ އެންމެ ބޮޑަށް ހޫނުވެގެންދިޔައީ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކޮރެއާ ކަޓައިގެން ދިއުމާ ގުޅިގެންނެވެ. މުބާރާތުގެ ކުރީކޮޅު ޓީމު ކެޓުމުން ސަރުކާރުގެ އިސްވެރިންގެ ފާޑުކިޔުންތައް އަމާޒުވެ، ކުޅިވަރުގެ ނިޒާމު އިސްލާހުކުރުމަށް އެ ޤައުމުގެ ރައީސް ގޮވާލެއްވިއެވެ. އަދި ޕްރެޝަރު ބޮޑުވެ، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހޮންގް ވަނީ ކޯޗުކަމުން އިސްތިއުފާދީފައެވެ. ވޯލްޑް ކަޕްގެ ކުރިން ފެށިގެން ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ހޮންގް ނުވަތަ ކޭއެފްއޭގެ އެއްވެސް އޮފިޝަލެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު