ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ހުންނަ އެ ގައުމުގެ ގައުމީ ޓީމު ޓްރޭނިން ސެންޓަރުގައި ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުން، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަލްމޭރިއާ އަތުން ސައުދީ އަރަބިއްޔާގެ އަލްނަސްރު 2-0އިން ބަލިވެއްޖެއެވެ.
މިއީ ޕްރީ ސީޒަނުގައި އަލްނަސްރު ކުޅުނު ފަހު މެޗަށް ވާއިރު، މި މެޗު ބެލުމަށް އެ ދެ ކްލަބާ ވެސް ހާއްސަ ގުޅުމެއް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހާޒިރުވެފައެވެ.
މި ދުވަސްވަރު އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުންދާ އަދި އަލަތު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ރޮނާލްޑޯ މި މެޗު ބަލާފައިވަނީ ތިން ހައިސިއްޔަތަކުންނެވެ. އެއީ އޭނާ ކުޅެމުންދާ އަދި ކެޕްޓަންކަން ކުރާ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުންނާއި، އޭނާގެ ހިއްސާ އޮންނަ އަލްމޭރިއާގެ ކޯ-އޯނަރެއްގެ ގޮތުންނެވެ. އޭނާ ވަނީ އާއިލީ ޗުއްޓީން ވަގުތުކޮޅެއް ހުސްކޮށްލުމަށް ފަހު މި މެޗު ބަލަން ގޮސްފައެވެ. ރޮނާލްޑޯގެ ކުންފުނި "ސީއާރް ސެވެން ސްޕޯޓްސް"މެދުވެރިކޮށް އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު އަލްމޭރިއާގެ 25ޕަސަންޓް ހިއްސާ ގަނެފައެވެ.
މެޗު ނިމުމުން ރޮނާލްޑޯ ވަނީ ސްޓޭންޑުން ފައިބައިގެން ދަނޑަށް ގޮސް އަލް ނަސްރުގެ ކުޅުންތެރިންނާ ސަލާންކޮށްފައެވެ. އަދި އެ ކްލަބުގެ އާ ކޯޗު އޭންޖެ ޕޮސްޓެކޮގްލޫއާ ވެސް ރޮނާލްޑޯ ފުރަތަމަ ފަހަރަށް ބައްދަލުކުރިއެވެ. މީގެ އިތުރުން، އަލްމޭރިއާގެ ރައީސް މުހައްމަދު އަލް ހުރައިޖީ ވަނީ ރޮނާލްޑޯއަށް އެ ކްލަބުގެ ހާއްސަ ޖޯޒީއެއް ހަދިޔާކޮށްފައެވެ. އެ ޖޯޒީގައި ލިޔެފައިވަނީ.
"ރޮނާލްޑޯއަކީ އަހަރެމެންގެ ތެރެއިން މީހެއް"
އުމުރުން 41އަހަރުގެ ރޮނާލްޑޯ، އަލް ނަސްރާ އެކު މި ފަހަރު ކުރިމަތިލަނީ އޭނާގެ ފަސްވަނަ ސީޒަނަށެވެ. އޭނާ 2022ވަނަ އަހަރު އެ ކްލަބާ ގުޅުނު ފަހުން، މިދިޔަ ސީޒަނަކީ އަލް ނަސްރުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މި މަހުގެ 15ވަނަ ދުވަހު ފަށާ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަލް ނަސްރު ނުކުންނާނީ އަލްފަތަހްއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.