ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އުމުރުން 66އަހަރުގައި އަވަހާރަވި އިޓަލީގެ މަޝްހޫރު ފުޓުބޯޅަ ތަރި ފްރެންކޯ ބަރޭސީގެ މައްޗަށް ކުރެވުނު ޖަނާޒާގައި ބައިވެރިވުމަށް، އިޓަލީގެ މިލާންގެ މަގުތަކަށް މިއަދު ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެއެވެ.
މި ތާރީޚީ ކުޅުންތެރިޔާގެ އެންމެ ފަހުގެ އަލްވަދާޢުގައި އޭސީ މިލާންގެ ކުރީގެ ވަރަށް ގިނަ ތަރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވުނު ޕައުލޯ މަލްޑީނީ، މާކޯ ވެން ބަސްޓެން، ރޮބާޓޯ ބާޖިއޯ އަދި ކްލަރެންސް ސީޑޯފް ފަދަ ލެޖެންޑުން ފެނިގެންދިޔައެވެ. ހަމައެހެންމެ، އެލެސަންޑްރޯ ކޮސްޓަކޫޓާ، ރޮބާޓޯ ޑޮނަޑޯނީ، ޑީޑާ، ސެބަސްޓިއާނޯ ރޯސީ، ޑެމެޓްރިއޯ އަލްބަޓީނީ، މައުރޯ ޓަސޯޓީ، ޑަނިއެލް މަސާރޯ އަދި ޑެޔާން ސެވިސެވިޗް ފަދަ ކުޅުންތެރިންގެ އިތުރުން މިލާންގެ މޭޔަރު ގުއިސެއްޕޭ ސަލާ، ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީއާއި އޭސީ މިލާންގެ ޗެއާމަން ޕައުލޯ ސްކަރޯނީ ވެސް މި ހިތާމަވެރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އޮސްޓްރޭލިއާގައި ޕްރީ ސީޒަން ޓުއާއެއް ކުރިއަށްދާތީ، އޭސީ މިލާންގެ މިހާރުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް މި ޖަނާޒާގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް، ޓީމާ އަލަށް ގުޅުނު ނުވަތަ ޓުއާގައި ނުހިމެނޭ ކްރިސްޓިއަން ޕުލިސިޗްއާއި ސަންޓިއާގޯ ގިމެނޭޒް ވަނީ ބަރޭސީއަށް އިޙުތިރާމް އަދާކުރުމަށް ހާޒިރުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން، އޭސީ މިލާން އަދި އިންޓަ މިލާން ބައްދަލުކުރާ އެކުވެރިކަމުގެ މެޗެއް މާދަމާ މެންދުރުފަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗު ފެށުމުގެ ކުރިން ބަރޭސީގެ ހަނދާނުގައި ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދާނެއެވެ.
ދުނިޔޭގެ ފުޓުބޯޅަ ތާރީޚު ދުށް އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބަރޭސީ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ 20އަހަރު އެއްކޮށް އޭސީ މިލާންގައި ހޭދަކޮށްފައެވެ. އެގޮތުން 15ސީޒަނެއްގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ، 719މެޗުގައި އޭނާ ވަނީ 33ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިލާންގެ ޖަރޒީގައި އޭނާ ވަނީ ޖުމްލަ 18މުބާރާތެއްގެ ތަށި އުފުލާލާފައެވެ. މީގެ ތެރޭގައި އިޓާލިއަން ސެރިއާ 6ފަހަރު، ޗެމްޕިއަންސް ލީގު 3ފަހަރު، އިޓާލިއަން ސުޕަރ ކަޕް 4ފަހަރު، ޔުއޭފާ ސުޕަރ ކަޕް 3ފަހަރު އަދި ކްލަބް ވޯލްޑް ކަޕް 2ފަހަރު ހޯދުން ހިމެނެއެވެ. ބަރޭސީގެ މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިލާނުން ވަނީ އޭނާ ބޭނުންކުރި 6ނަންބަރު ޖަރޒީ ރިޓަޔަރކޮށް، 2020ވަނަ އަހަރު ކްލަބުގެ އޮނަރަރީ ޕްރެޒިޑެންޓްކަން ވެސް އޭނާއަށް އަރުވާފައެވެ.
ޤައުމީ ފެންވަރުގައި އިޓަލީއަށް 81މެޗު ކުޅެދިން ބަރޭސީއަކީ 1982ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގެ މުހިންމު ހިއްސާއެކެވެ. މީގެ އިތުރުން 1994ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިޓަލީ ޓީމަށް ކެޕްޓަންކަން ކޮށްދިނީ ވެސް އޭނާއެވެ. ބަރޭސީ ވަކިވެގެން ދިޔުމަކީ އިޓަލީގެ ރައްޔިތުންނާއި، މިލާންގެ ސަޕޯޓަރުންގެ އިތުރުން މުޅި ފުޓުބޯޅަ ޢާއިލާއަށް ވެސް ލިބިގެންދިޔަ ފުން ހިތާމައެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.