ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ ހުރި ގިނަ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، ބަނގްލަދޭޝްގެ ފުޓްބޯޅައިގެ އެންމެ ކުރީގައި އުޅޭ ބަޝުންދުރަ ކިންގްސް އަދި ޑާކާ އަބާނީއަށް އާ ކުޅުންތެރިން ނުގެނެވޭ ގޮތަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ)އިން ޓްރާންސްފާ ބޭނެއް ކޮށްފިއެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގައި އެންމެ ކާމިޔާބު ކުޅުމެއް ދައްކަމުން އައި މި ދެ ކުލަބުގެ މައްޗަށް މި ފިޔަވަޅު އެޅީ ޖުމްލަ 14ކުޅުންތެރިއަކު ފީފާއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. މިގޮތުން، ޑާކާ އަބާނީއާ ދެކޮޅަށް ތިން ކުޅުންތެރިއަކު މައްސަލަ ހުށަހަޅާފައިވާއިރު، ބަޝުންދުރަ ކިންގްސްއަށް މުސާރަ ނުލިބިގެން 11ކުޅުންތެރިއަކު ވަނީ މައްސަލަ ޖައްސާފައެވެ. ނަތީޖާއެއްގެ ގޮތުން، އެއްވެސް އާ ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓަރީކުރުމުގެ ހައްގު މި ދެ ޓީމަށް މިވަގުތު ވަނީ ގެއްލިފައެވެ.
މި ދަނޑިވަޅުގެ ފައިދާ ނަގައި، މި ދެ ކުލަބުގައި ކުރިން ހިމެނުނު މޮޅެތި ގިނަ ކުޅުންތެރިންތަކެއް ބަނގްލަދޭޝްގެ މުހައްމަދަން ސްޕޯޓްސްއާ މިހާރު ވަނީ ގުޅިފައެވެ. މިއާއެކު އަންނަ ސީޒަނުގައި އެންމެ ވާދަވެރި އެއް ޓީމަކަށް އެ ކުލަބު ވެގެންދާނެއެވެ. މީގެ އިތުރުން، އާ ސީޒަން ފެށުމުގެ ކުރިން އޭއެފްސީ ކުލަބު ލައިސަންސް ހޯދުމަށް ޓަކައި މާލީ ހުރިހާ ވާޖިބުތަކެއް އަދާކުރަންޖެހޭނެތީ، ދަރަނިތައް ހަލާސްނުކޮށްފިނަމަ ބަޝުންދުރަ އާއި އަބާނީއަށް ކުރިއަށް އޮތް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.
ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރުގެ ބާރުވެރިކަމާއެކު ފާއިތުވި އަށް އަހަރު ތެރޭގައި އެންމެ ކުރިއަރައިގެން ދިޔަ ބަޝުންދުރަ ކިންގްސްއަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނީ، އެކަމަނާގެ ވެރިކަން ވެއްޓުމާ ގުޅިގެންނެވެ. ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދާދި ފަހުން ސޮއިކުރި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑޮރިއެންޓޮން ގޯމޭޒްއަކީ ވެސް ނިމިދިޔަ އަހަރު ބަޝުންދުރައަށް ކުޅުނު ކުޅުންތެރިއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.