ވ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ވޮލީބޯޅަ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ، އަންހެން ޑިވިޝަންގެ ތަށި ޔުނައިޓެޑް ގްރީން އިން ހޯދިއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އަލްބާ ލޮޖުން ކަށަވަރުކޮށްފިއެވެ.
ފިރިހެން ބައިގެ ފައިނަލްގައި ޔުނައިޓެޑް ގްރީންއާ ވާދަކޮށް އަލްބާ ލޮޖުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-15، 25-22އަދި 25-22އިންނެވެ. މިއީ ވިދިވިދިގެން އަލްބާ ލޮޖުން މި މުބާރާތުގެ ފިރިހެން ބައިގެ ތަށި އުފުލާލި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އަންހެން ޑިވިޝަންގެ ފައިނަލްގައި ޔުނައިޓެޑް ގްރީން އިން ވަނީ ތިން ސެޓު އެއް ސެޓުން ދިނަޝަ ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 25-14އިން ޔުނައިޓެޑް ގްރީން ހޯދާފައިވަނިކޮށް، ދެވަނަ ސެޓު 25-20އިން ކާމިޔާބުކޮށް ދިނަޝައިން އުންމީދު އާކުރިއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 25-20އަދި 25-10އިން ގެންގޮސް ޔުނައިޓެޑް ގްރީން އިން ވަނީ މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ ޑްރީމް ޓީމުގެ ޖާގައެއް އަލްބާ ލޮޖްގެ ޔޫޝައު ހަސަން ވަނީ ހާސިލުކޮށްފައެވެ. މި ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ އަލްބާ ލޮޖްގެ މުޙައްމަދު ރައިހާން، އަހުމަދު ލާމިއު އިބްރާހީމް، އިޔާން އަލީގެ އިތުރުން ޔުނައިޓެޑް ގްރީންގެ އަހުމަދު ޝާމިން ހަބީބުއާއި އާދަމް ނިޔާޒު އަދި އަލިތަރިން ޓީމުގެ އައްޔޫބް ބިން އަހުމަދެވެ. އެންމެ މޮޅު ކޯޗަކަށް އަލްބާ ލޮޖްގެ ހުސެއިން ރަޝީދު ހޮވުނުއިރު، ފެއަރޕްލޭ ޓީމަކީ އަލިތަރިންއެވެ.
އަންހެން ބައިގެ ފައިނަލްގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ގްރީންގެ އާމިނަތު ޝަހާ ޝާމިންއެވެ. އޭނާގެ އިތުރުން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއާއި ސެޓަރު ފާތިމަތު ރަޒީނާ ހިމެނެއެވެ. ދެން މި ލިސްޓުން ޖާގަ ހޯދީ ދިނަޝަ ޓީމުގެ އާމިނަތު ރިޔާސާ (ޔަޝާ)އާއި ހައްވާ ސަހާ، އަލްބާ ލޮޖްގެ މާޔާ ހުސެއިން އަދި މަންތާވި ޓީމުގެ އާއިޝަތު މާޖިދާއެވެ. އަންހެން ބައިގެ ފެއަރޕްލޭ ޓީމުގެ މަގާމު ލިބުނީ ރޭވައަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.