ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ތަށި ރީތި ރަށުން ދިފާއުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރީތި ރަށުގައި ބޭއްވި ތިންވަނަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވި މި ފޯރިގަދަ ފައިނަލް މެޗުގެ ސެޓުތައް ރީތި ރަށުން އެޓީމުގެ އަމިއްލަ ކޯޓުގައި ގެންދިޔައީ 25-22، 25-18އަދި 25-16ގެ ނަތީޖާއަކުންނެވެ.

ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)ގެ ބެލުމުގެ ދަށުން ކުޅުނު ބަނޑޮހުން ފުރަތަމަ ދެ ސެޓުގައި ވެސް މޮޅު ކުޅުމެއް ދައްކައި ކުރީކޮޅު ބޮޑު ލީޑެއް ނެގި ނަމަވެސް، ފަހަތުން އަރައި ރީތި ރަށުން ވަނީ ނަތީޖާ އަނބުރާލާފައެވެ. އަދި ފަހު ސެޓުގައި ފެށުނީއްސުރެ ރީތި ރަށުން ވަނީ ކުޅުން ކޮންޓްރޯލްކޮށް، ބޮޑު ތަފާތަކުން ސެޓު ހޯދާފައެވެ.

މި މުބާރާތުގެ ފައިނަލަށް ރީތި ރަށް ދަތުރުކުރީ މާލެ އުތުރު ލީގުގެ ރަނަރަޕް ޓީމުގެ ގޮތުގައި ޗެމްޕިއަންޝިޕުން ޖާގަ ހޯދައި، ސެމީ ފައިނަލްގައި އޯޒެން ރިޒާވް ބޮލިފުށީގެ މައްޗަށް 3-1ސެޓުން ކުރި ހޯދައިގެންނެވެ. އަނެއްކޮޅުން، ލީގު ބުރުގައި ރީތި ރަށް ބަލިކޮށް ޗެމްޕިއަންކަން ހޯދި ބަނޑޮހުން ފައިނަލަށް ނުކުތީ ސެމީގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ބަލިކުރުމަށް ފަހުއެވެ.

މުޅި މުބާރާތުގެ އަދި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިދިޔަ އަހަރު ވެސް އެ މަގާމު ހާސިލުކުރި ރީތި ރަށުގެ ކަވިޝްކާ މަޑުސަންކާއެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ބަނޑޮހުގެ ޕްރަދީޕްގެ އިތުރުން ރީތި ރަށުގެ ކަވިޝްކާ، ދަނުޝްކާ، ޔައިޝް އަދި އާދަމް ޚަލީލް ހިމެނުނުއިރު، އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ރީތި ރަށުގެ ކެޕްޓަން ނަބީލެވެ.

މީގެ އިތުރުން، އެންމެ މޮޅު ކޯޗުގެ މަގާމު ރީތި ރަށުގެ ކޯޗު ސުމިތަށް ލިބުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި ސަޕޯޓަރުންނަށް އެންމެ ކަމުދާ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބޮލިފުށީގެ ބިލާލެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު