ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕޮއިންޓް ނުކަނޑައި ޗެލްސީ ސަލާމަތްވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގެ ނަންމަޝްހޫރު ކުލަބު ޗެލްސީން، ކުރީގެ މެނޭޖްމަންޓުގެ ދަށުން އެޖެންޓުންނަށް ފައިސާ ދިނުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކަކާ ގުޅިގެން އިނގިރޭސި އެފްއޭއިން އެ ކުލަބު 10މިލިއަން ޕައުންޑުން ޖޫރިމަނާކޮށް، ޕޮއިންޓް އުނިކުރުމުގެ ބޮޑު އަދަބަކުން ސަލާމަތްކޮށްދީފިއެވެ. 

މި މައްސަލައަކީ 2009ވަނަ އަހަރާއި 2022ވަނަ އަހަރާ ދެމެދު، ރޯމަން އަބްރަމޮވިޗްގެ ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކެކެވެ. އެގޮތުން، ރަޖިސްޓަރީ ނުކުރާ އެޖެންޓުންނާއި އެހެނިހެން ތިންވަނަ ފަރާތްތަކަށް ޓްރާންސްފާތަކާ ގުޅުވައިގެން ސިއްރުން 47މިލިއަން ޕައުންޑް ދީފައިވާކަމަށް ޗެލްސީން ވަނީ އެއްބަސްވެފައެވެ. މި ޖޫރިމަނާގެ އިތުރުން، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ޖެހިޖެހިގެން ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭނެ ގޮތަށް ވެސް އެ ކުލަބަށް ވަނީ ޝަރުތުކޮށް އަދަބުދީފައެވެ.

2022ވަނަ އަހަރު ޓޮޑް ބޯލީ އާއި ކްލިއަރލޭކް ކެޕިޓަލް އިން ކުލަބާ ހަވާލުވުމަށް ފަހު، އެ ފަރާތުން އަމިއްލައަށް އިސްނަގައިގެން ވަނީ ގަވާއިދާ ޚިލާފަށް ހިނގާފައިވާ 74ކަމެއް އެފްއޭއަށް ރިޕޯޓުކޮށްފައެވެ. ކުލަބަށް ފުރަތަމަ ކަނޑައެޅީ 26މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ނަމަވެސް، ކުލަބުން ދިން ފުރިހަމަ އެއްބާރުލުމާ އެކު އެ އަދަދު 17.25މިލިއަން ޕައުންޑަށް ކުޑަކުރިއެވެ. އޭގެ ފަހުން ކުށަށް އިއުތިރާފުވުމުން 11.4މިލިއަން ޕައުންޑަށް ދަށްކޮށް، އަދި ޔުއެފާ އާއި ޕްރިމިއަރ ލީގުން ކުރިން ކޮށްފައިވާ ޖޫރިމަނާތަކަށް ބެލުމަށް ފަހު، އެންމެ ފަހުގެ އަދަދެއްގެ ގޮތުގައި 10މިލިއަން ޕައުންޑް ވަނީ ކަނޑައަޅާފައެވެ. 

މި މައްސަލަ ބެލި މިނިވަން ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ޗެލްސީގެ އައު މެނޭޖްމަންޓުން މިކަންކަން ހާމަނުކުރި ނަމަ، މިއީ ދުވަހަކު ވެސް ފަޅާއަރާނެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން ޕޮއިންޓް އުނިކުރުމުގެ އަދަބެއް ނުދޭން ނިންމީއެވެ. އެފްއޭއިން ހާމަކުރި ގޮތުގައި މިއީ ކުޅިވަރުގެ އިންސާފުވެރިކަން ދެމެހެއްޓުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އިނގިރޭސިވިލާތުގެ ގްރާސްރޫޓް ފުޓްބޯޅަ ކުރިއެރުވުމަށް ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއާ އެކު ކުލަބާ ގުޅޭގޮތުން ކުރިއަށްދިޔަ ގާނޫނީ ހުރިހާ މައްސަލަތަކެއް ނިމުމަކަށް އައީ ކަމަށާއި، ކަމާ ބެހޭ އިދާރާތަކުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. މީގެ ކުރިން މިދިޔަ މާޗު މަހު ވެސް އެކެޑަމީ ކުޅުންތެރިން ރަޖިސްޓަރީކުރުމުގެ މައްސަލަތަކެއްގައި ޗެލްސީ ވަނީ 750،000ޕައުންޑުން ޖޫރިމަނާކޮށް، އެކެޑަމީއަށް ކުޅުންތެރިން ގެނައުން މަނާކޮށްފައެވެ. އަނެއްކޮޅުން، މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ މެންޗެސްޓަރ ސިޓީގެ 115މައްސަލައިގެ ޝަރީއަތް ނިމިފައިވީ ނަމަވެސް، މައްސަލައިގެ ބޮޑުކަމުން އޭގެ ހުކުމް އަދިވެސް އޮތީ ނުއިއްވައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު