ސްޕެއިންގެ ބާސެލޯނާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށް ފަހު، އަނިޔާގެ މައްސަލަތަކާ ގުޅިގެން އެ ކްލަބުން ފުރުސަތު ގެއްލިފައިވާ ޖަރުމަނުގެ ތަޖުރިބާކާރު ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ނެދަލޭންޑްސްގެ އަޔެކްސްއަށް ބަދަލުވުމުގެ އެންމެ ފަހުގެ ކަންކަން ފުރިހަމަކުރަން ފަށައިފިއެވެ.
ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 34އަހަރުގެ ކީޕަރު މިހާރު ހުރީ އަޔެކްސްއާ އެކު އެއްބަސްވުމަކަށް އައުމަށް ޓަކައި ނެދަލޭންޑްސްގައެވެ. މިއަދުގެ ވަގުތެއްގައި އޭނާގެ މެޑިކަލް ޓެސްޓުތައް ނިންމާލުމަށް ފަހު ރަސްމީކޮށް ކޮންޓްރެކްޓުގައި ސޮއިކުރާނެކަމަށް ބެލެވޭއިރު، މި ހަފުތާގެ ތެރޭގައި އަޔެކްސްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އާންމުންނަށް ތައާރަފުކުރުމުގެ ރަސްމިއްޔާތު ބާއްވާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.
2012ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ ގޯލް ބަލަހައްޓަމުން އައި ކެޕްޓަން ޓާސްޓެގަންއަށް އެ ޓީމުން ޖާގަ ނުދޭން ނިންމި މައިގަނޑު ސަބަބަކީ، އޭނާއަށް ތަކުރާރުކޮށް އަނިޔާވުމުގެ ސަބަބުން ކުޅުމާ ދުރުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމެވެ. އަދި އޭނާގެ ބަދަލުގައި ކުޅެން އެރުވި ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނުމަކީ ވެސް ބާސާއިން މި ނިންމުން ނިންމި ސަބަބެކެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅު ސްޕެއިންގެ ޖިރޯނާއަށް ކުޅެން ދިޔަ ނަމަވެސް، އެ ޓީމަށް ކުޅެދިން ދެވަނަ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ކުޅުމާ ދުރަށް ދާންޖެހިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖަރުމަނުވިލާތުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ވެސް އޭނާއަށް ގެއްލިގެން ދިޔައެވެ. ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ދެ އަހަރު ބާކީ އޮތް ނަމަވެސް، އެ ކްލަބުން އިތުރު ފުރުސަތެއް ލިބެން ނެތުމާ އެކު، އޭނާ ދެން އެއްކޮށް ފެނުން ގާތީ އަޔެކްސްއިން ކަމަށް ސްޕެއިންގެ މީޑިއާތަކުން ލަފާކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.