ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހިއްސާ ވިއްކާލަން އުޅޭތީ އިންފަންޓީނޯގެ މުޝީރު އިސްތިއުފާ ދެއްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާއިން ގެންގުޅޭ ސިއްރު ރޭވުންތަކާ ހިތްހަމަނުޖެހިގެން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އެންމެ އިސް އެއް މުޝީރު ކަމަށްވާ ކާލޯސް ކޯޑެއިރޯ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމެރިކާގެ ސޮކަރ ފެޑެރޭޝަންގެ ނައިބު ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ކޯޑެއިރޯ ވަނީ، ފީފާގެ މި ނިންމުމަކީ ފުޓްބޯޅައިގެ މުޅި މުސްތަގުބަލު އޮޔާލުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 2021ވަނަ އަހަރު އިންފަންޓީނޯގެ ލަފާދާރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ކޯޑެއިރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ އެއްވެސް އަސާސެއް ނެތި ފުޓްބޯޅައަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މިފަދަ ނުރައްކާތެރި ޕްރޮޕޯސަލްއެއް އެކުލަވާލުމުގައި އޭނާގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

މި މައްސަލައިގެ އަސްލަކީ "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި 20ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދައި، އޭގެ 20އިންސައްތަ ހިއްސާ އެމެރިކާގެ ތުރައިވް ކެޕިޓަލްއަށް ވިއްކާލުމަށް ފީފާއިން ކުރަމުންދާ މަސައްކަތެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިސްދައުރެއް އޮންނަ ކުންފުންޏެކެވެ. މި އެއްބަސްވުމުގެ ދަށުން ވޯލްޑް ކަޕާއި ފީފާގެ ބޮޑެތި އެހެން މުބާރާތްތަކުގެ ކޮންޓްރޯލް މި ކުންފުންޏަށް ލިބިގެންދާނެއެވެ.

މި ވިޔަފާރި މުއާމަލާތާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކޮށްފައެވެ. އެގޮތުން ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރުމަށް އެ އިދާރާގެ 55ގައުމުން އެއްބަސްވެފައިވާއިރު، ޔުއެފާގެ އިތުރުން އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)އަދި ކޮންކާކަފްއިން ވެސް ވަނީ ފީފާގެ މި އުސޫލުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފީފާއިން އުޅެނީ ފުޓްބޯޅައިގެ އަސްލު ރޫހު ވިއްކާލާށެވެ.

މެންބަރު ގައުމުތަކުގެ ރުހުން ހޯދުމަށް ޓަކައި، އަންނަ ސެޕްޓެމްބަރު 19ގެ ކުރިން މި ހުށަހެޅުމަށް އާނބަސް ބުނާ ކޮންމެ ގައުމަކަށް 40މިލިއަން ޑޮލަރު ދިނުމަށް އިންފަންޓީނޯ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާއިން ބުނަމުންދަނީ މިއީ މީޑިއާއިން ފަތުރަމުންދާ ދޮގު ޚަބަރުތަކެއް ކަމަށާއި، ފުޓްބޯޅަ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ފީފާގެ 211މެންބަރުންނަށް މިކަމުގައި ވޯޓުލުމުގެ ހައްގު ލިބޭނެ ކަމަށާއި، ގިނަ ގައުމުތަކުގެ ތާއީދު ނުލިބެނީސް މި ޕްލޭން ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ސްވިޒަލެންޑުގައި މަރުކަޒުވެފައިވާ ފީފާއިން ވަނީ ދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު