ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަންކާގެ ފުރިހަމަ އިތުބާރު އިންފަންޓީނޯއަށް އެބައޮތް

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް އެކުލަވާލި "ފީފާ ފޯވާޑް އެންޓަޕްރައިޒް"ޕްލޭން އަނބުރާ ގެންދަން ނިންމުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އަވަށްޓެރި ސްރީ ލަންކާގެ ފުޓްބޯޅަ އިދާރާ (އެފްއެސްއެލް)އިން ހާމަކޮށްފިއެވެ.

ފީފާގެ މި ޕްލޭނާ ދެކޮޅަށް ބައްރުތަކުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންތަކުން ތެދުވުމާ ގުޅިގެން، އެ މަޝްރޫއު ކުރިއަށް ނުގެންގޮސް އަނބުރާ ގެންދަން ނިންމިކަން ފީފާ އިން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ނިންމުމާ އެކު އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ އިންފަންޓީނޯގެ ނިންމެވުމަށް މަރުހަބާ ކިޔައި، އޭނާގެ ލީޑަޝިޕަށް ތާއީދުކޮށް ބަޔާންތައް ނެރެފައެވެ. އޭގެ ތެރޭގައި ލަންކާގެ އިތުރުން ގަތަރާއި، ލުބުނާން އަދި ކުވައިތު ހިމެނެއެވެ.

ފުޓްބޯލް ޝްރީ ލަންކާގެ ރައީސް ޖަސްވާރު އުމަރު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޕްލޭން އަނބުރާ ގެންދިއުމުން ދޭހަވަނީ އިންފަންޓީނޯއަކީ މެންބަރު ގައުމުތަކުގެ އަޑުއައްސަވާ ލީޑަރެއްގެ ގޮތުގައި ކަމަށެވެ.

"ރައީސް އިންފަންޓީނޯގެ ލީޑަޝިޕްގެ އެންމެ ހާއްސަ އެއް ސިފައަކީ އަބަދުވެސް މެންބަރު އެސޯސިއޭޝަންތަކުގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވުމެވެ. މި ނިންމެމަކީ މަޝްވަރާ އާއި ގައުމުތަކުގެ ހިޔާލަށް އިހްތިރާމުކޮށް މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ހިދުމަތްކުރުމަށް އޭނާ ގެންގުޅުއްވާ ލީޑަޝިޕްގެ ސާފު ހެއްކެކެވެ"ލަންކާގެ ބަޔާނުގައިވެއެވެ.

އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްފަދައިން ލަންކާއިން ވެސް އިންފަންޓީނޯ އަށް އޮތް ތާއީދު އާކުރި އިރު، މިއީ އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ލަންކާއިން ބުނީ ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް އިންފަންޓީނޯ ގެންގުޅުއްވާ ތަސައްވުރަށް އެ ގައުމުން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު