މިދިޔަ ވޯލްޑް ކަޕްގެ މެޗުތައް ހޯސްޓްކުރި އެމެރިކާގެ 11ސިޓީއަކަށް، ކޮންމެ ސިޓީއަކަށް އެއް މިލިއަން ޑޮލަރުގެ މަގުން ޖުމްލަ 11މިލިއަން ޑޮލަރު ދޭން ފީފާއިން އެއްބަސްވުމަށް ފަހު، އެ ފައިސާ ދޫކުރަން މިހާރު ދެކޮޅުހަދަމުންދާ ކަމަށް "ދި އެތުލެޓިކް"ނޫހުން ރިޕޯޓްކޮށްފިއެވެ.
މި ފައިސާ ދިނުމުގެ ނިޔަތް އޮތްކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ސިޓީތަކުގެ ކައުންސިލްތަކާ އެކު އަނގަބަހުން އެއްބަސްވެފައިވީ ނަމަވެސް، ފީފާއިން މިކަމާ ގުޅޭ އެއްވެސް ރަސްމީ އިއުލާނެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ސިޓީތަކުގެ ކައުންސިލްތަކުން ތިބީ އިންފަންޓީނޯގެ އަނގަބަހުގެ ވައުދަށް އިތުބާރު ކޮށްގެންނެވެ. ނަމަވެސް ފީފާއިން މިހާރު އެ ފައިސާ ދޭން ދެކޮޅުހަދަމުންދާތީ، އިންފަންޓީނޯ "ނިޔަތް އޮތް ކަމަށް"ވިދާޅުވި ފައިސާ ހޯދުމަށް އެ ސިޓީތަކުގެ ކައުންސިލްތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ބޭއްވި ސިޓީތަކަށް ވެސް "ލެގަސީ ކޮންޓްރިބިއުޝަން"ގެ ނަމުގައި ފީފާއިން ވަނީ ކޮންމެ ސިޓީއަކަށް އެއް މިލިއަން ޑޮލަރު ދީފައެވެ.
އެމެރިކާގެ އިތުރުން މެކްސިކޯއާއި ކެނެޑާއަކީ ވެސް ވޯލްޑް ކަޕް ބޭއްވުމުގައި ހިއްސާވި ގައުމުތަކެވެ. ނަމަވެސް އެ ދެ ގައުމުގެ އެއްވެސް ސިޓީއަކަށް މިފަދަ އެހީއެއް ދޭން އުޅޭ ކަމުގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެވެ. މިއަހަރުގެ ވޯލްޑް ކަޕުން ފީފާއަށް 15ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. ފީފާއިން މިހާ ބޮޑު އާމްދަނީއެއް ހޯދަނީ މެޗުތަކުގެ ޓިކެޓްތައް އިންތިހާއަށް އަގުބޮޑުކޮށް ވިއްކައިގެންނާއި، މެޗުގެ ކޮންމެ ހާފެއްގައި "ހައިޑްރޭޝަން ބްރޭކް"ގެ ނަމުގައި ކުޅުން މެދުކަނޑާލައި ޓީވީން އިސްތިހާރު ދައްކައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.