ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫރަޕްގެ 55 ގައުމަކުން ވޯލްޑްކަޕް ބޮއިކޮޓްކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި ޕްރޮޖެކްޓްތަކުން ބައެއް ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅޭ މައްސަލާގައި، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)ގެ 55މެންބަރު ގައުމުން ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓް ކުރަން މިއަދު ނިންމައިފިއެވެ.

ޔޫއެފާއިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ފީފާގެ މި ހުށަހެޅުމާ ދެކޮޅަށް ހުރިހާ މެންބަރު ގައުމުތަކުން އެއްބަސްވެފައިވާ ކަމަށާއި، ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް މުދަލެއްގެ ގޮތުގައި ނުބެލޭނެ ކަމަށެވެ.

ޔޫއެފާގެ ބަޔާނުގައި ބުނެފައި ވަނީ ވޯލްޑް ކަޕަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ އެތައް ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބިނާކޮށްފައިވާ ތަރިކައެއް ކަމަށެވެ. އަދި ފީފާ އިން މި ހުށަހެޅުން އަނބުރާ ނުނަގާހާ ހިނދަކު ޔޫއެފާގެ އެއްވެސް ގައުމީ ޓީމަކުން ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވާނެ ކަމަށް ވަނީ އަންގައިފައެވެ. މިކަމާ ގުޅިގެން ޔޫއެފާގެ ރައީސް އަލެކްސަންޑަ ޗެފެރީން ވިދާޅުވީ މި މޮޑެލްއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް މޮޑެލްއެއް ނޫން ކަމަށެވެ. އޭނާ ވަނީ ފީފާއާ މެދު އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ވޯލްޑް ކަޕް ފައިނަލް ވެސް ބޮއިކޮޓް ކުރައްވައިފައެވެ.

"ޔޫއެފާ އާއި މެންބަރު 55އެސޯސިއޭޝަން ތިބީ އެކުއެކީގައި. ފީފާގެ މުބާރާތްތަކުގެ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ދޭން އުޅޭ ހުށަހެޅުން އަހަރެމެން އެއްކޮށް ކުށްވެރި ކުރަން"ޔޫއެފާގެ ބަޔާނުގައިވެއެވެ.

މި މައްސަލަ ފެށުނީ ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ)ގެ ނަމުގައި ސަބްސިޑަރީ ސެމީ ޕްރައިވެޓް ކުންފުންޏެއް އުފައްދައި، މުބާރާތްތަކުގެ ވިޔަފާރި ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކަން ނިންމިކަން މިދިޔަ އަންގާރަ ދުވަހު ފީފާ އިން އިއުލާން ކުރުމުންނެވެ. ފީފާއިން އުންމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން މި އިންވެސްޓްމަންޓުން 4.2ބިލިއަން ޑޮލަރު ހޯދުމަށެވެ. މި ޕްރޮޖެކްޓް ފާސްވެއްޖެ ނަމަ، 2027ގެ ކުރީކޮޅު ފީފާގެ 211މެމްބަރު އެސޯސިއޭޝަންގެ ތެރެއިން ކޮންމެ އިދާރާއަކަށް އެއްފަހަރާ 20މިލިއަން ޑޮލަރުގެ މާލީ އެހީއެއް ލިބޭނެއެވެ. އަދި 2027އިން 2030އަށް ކަނޑައަޅާފައިވާ ފަންޑިން 8މިލިއަން ޑޮލަރުން 20މިލިއަން ޑޮލަރަށް އިތުރުވާނެއެވެ.

މި ހުށަހެޅުމަށް ގޮތެއް ނިންމަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނީ މެންބަރު ގައުމުތަކަށް ދެއްވީ 53ދުވަހުގެ މުއްދަތެކެވެ. އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ފީފާގެ ކޮންގްރެސްގައި މި ހުށަހެޅުން ފާސްކުރަން ބޭނުންވަނީ މެންބަރު ގައުމުތަކުގެ 50ޕަސަންޓަށް ވުރެ ގިނަ ވޯޓާއި 38މެންބަރުން ހިމެނޭ ފީފާ ކައުންސިލްގެ ތާއީދެވެ. އިންފަންޓީނޯ މި އިނީޝިއޭޓިވް ސިފަކުރެއްވީ ދުނިޔޭގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުން އަވަސްކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. ނަމަވެސް ޔޫއެފާއިން ވަނީ ފީފާއިން އަބަދުވެސް މަސައްކަތް ކުރަނީ ކުޅިވަރު މެދުވެރިކޮށް އެމީހުންނާއި އެމީހުންގެ އެކުވެރިން މުއްސަނދިކުރަން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފީފާ އެންޓަޕްރައިޒަސްގެ ހިއްސާ ގަންނަން އުޅެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތުރައިވް ކެޕިޓަލް"އާއި ޖޭޕީ މޯގަން ޗޭސް ބޭންކުންނެވެ. ޖޭޕީ މޯގަން އަކީ މީގެ ކުރިން ޔޫރަޕްގެ ބާރުގަދަ 11ކްލަބަކުން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގަށް ވެސް އިންވެސްޓް ކުރަން އުޅުނު ބޭންކެކެވެ. ނަމަވެސް އޭރު ޔޫއެފާ އާއި ފީފާގެ ދެކޮޅުހެދުމާއި ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެ ޕްރޮޖެކްޓް ވަނީ ފެއިލްވެފައެވެ.

މި މައްސަލާގައި ކޮންކާކަފާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)އިން ވެސް ވަނީ މެންބަރުންނާ މަޝްވަރާނުކޮށް މި ހުށަހެޅުން އާންމުކުރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފްރިކާގެ ފުޓްބޯޅަ އިދާރާ (ސީއޭއެފް)އިން ވަނީ މި ޕްލޭން މުރާޖައާ ކުރަން މެންބަރުންނަށް ގޮވާލައިފައެވެ. މި ބޮއިކޮޓްގެ ސަބަބުން ކުރިއަށް އޮތް ވޯލްޑް ކަޕަށް ބޮއިކޮޓްގެ އަސަރު ކުރާނެއެވެ. ހާއްސަކޮށް، ވޯލްޑް ކަޕަށް 100އަހަރު ފުރުން ފާހަގަކުރަން ތިން ބައްރެއްގައި ބާއްވާ 2030ގެ ވޯލްޑް ކަޕްގެ ބޮޑުބައެއް ބާއްވަން ހަމަޖެހިފައިވަނީ ޔޫއެފާގެ މެންބަރު ދެ ގައުމު ކަމަށްވާ ސްޕެއިންއާއި ޕޯޗުގަލްގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު