އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ 22ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ އަންހެން ޓީމުން ހަތްވަނަ އަދި ފިރިހެން ޓީމުން އަށްވަނަ ހޯދައި، މުބާރާތުގެ ތާރީޚުގައި ވެސް ރާއްޖެއަށް އެންމެ ބޮޑު ކާމިޔާބީ ހޯދައިދީފިއެވެ.
މި ފަހުރުވެރި ނަތީޖާއާއެކު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، ކޯޗުން އަދި މެނޭޖްމަންޓުން ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔައި ޝުކުރުއަދާކޮށްފައެވެ. އެ އިދާރާއިން ސިފަކުރި ގޮތުގައި، މިއީ ކޮމަންވެލްތު ގޭމްސްގެ ތާރީޚުގައި ދިވެހިރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
މުބާރާތުގައި ދިވެހި ކުޅުންތެރިން ދައްކަމުންދާ އިންޑިވިޖުއަލް އަދި ޕެއާ ނަތީޖާތަކަށް ބަލާއިރު، ބުރާސްފަތި ދުވަހަކީ ރާއްޖެއަށް ކާމިޔާބު ދުވަހެކެވެ. އެގޮތުން މިކްސްޑް ޑަބަލްސްގައި ރާއްޖޭގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ ޢަލީއާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ ވަނީ ޒެމްބިއާގެ ކުޅުންތެރިންގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ.
އަންހެން ސިންގަލްސްގައި ދީމާ އިންގްލެންޑްގެ ކުޅުންތެރިއަކު ބަލިކުރިއިރު، މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ކެންޔާގެ ކުޅުންތެރިއަކާ ވާދަކޮށް މޮޅުވެފައެވެ. ހަމައެހެންމެ، ޢާއިޝަތު ރަފާ ނާޒިމްއާއި ޢާއިޝަތު އަލްސާ ނާފިޒް ވެސް ވަނީ ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައެވެ. ފިރިހެން ސިންގަލްސްގައި ޝައްފާންގެ އިތުރުން މޫސާ މުންސިފް އަހްމަދު އަދި އަޚްޔާރް އަހްމަދު ޚާލިދް ކުޅުނު ދެ މެޗުން ވެސް މޮޅުވިއިރު، މުހައްމަދު އާލް އިމްރާން ވަނީ އެއް މެޗުން މޮޅުވެފައެވެ.
ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައި ކުޅޭ މި ގޭމްސްއަށް ރާއްޖޭގެ ޓީމުން ކުރިމަތިލީ ފުރިހަމަ ތައްޔާރީތަކަކާއެކުގައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާގެ ތަޖުރިބާކާރު ކޯޗަކާއި ކުޅުންތެރިއެއްގެ އެހީތެރިކަމާއެކު ގާތްގަނޑަކަށް މަހެއްހާ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.
މި މަހުގެ 27އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޗެމްޕިއަންޝިޕަކީ ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާއާއި ދިއްލީގެ ސަރުކާރު ގުޅިގެން ބާއްވާ މުބާރާތެކެވެ. ޖުމްލަ 35ޤައުމަކުން ވާދަކުރާ މި މުބާރާތުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޓީޓީއޭއެމް އިން އުއްމީދުކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.