ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ފީފާއިން ހުށަހަޅާފައިވާ ޕްލޭނާ މެދު ގޮތް ނިންމުމުގައި އޭޝިއާގެ ގައުމުތަކުން އަވަސް އަރުވައިނުލުމަށް، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އާލް ހަލީފާ އިލްތިމާސް ކުރައްވައިފިއެވެ.
ބަހްރޭނަށް ނިސްބަތްވެވަޑައިގަންނަވާ ސަލްމާން މިކަމަށް އިލްތިމާސް ކުރެއްވީ އޭއެފްސީގެ 44މެންބަރު ގައުމަކަށް ފޮނުއްވި ސިޓީއެއްގައެވެ. ރޮއިޓާސް އަށް ކޮޕީއެއް ލިބިފައިވާ މި ސިޓީގައި ސަލްމާން ވިދާޅުވީ، މިފަދަ ބޮޑު ނިންމުމަކަށް ގޮތް ނިންމަން ފީފާއިން ދީފައިވާ މުއްދަތު ކުރު ކަމަށާއި، މި ޕްލޭނާ މެދު އޭއެފްސީން ފީފާއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ.
އޭޝިއާގެ ގައުމުތަކަށް ފޮނުއްވި ސިޓީގައި ޝައިހް ސަލްމާން ވަނީ، މަޝްވަރާތަކުގެ ނަތީޖާ އާއި ބޭނުންވާ މުރާޖާ ކުރުމުގެ މަރުހަލާތައް ނިމެންދެން ވަކި ގޮތެއް ނިންމުމުގައި އިންތިޒާރު ކުރުމަށް އެދިވަޑައިގެންފައެވެ.
"މި ހުށަހަޅުމާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން، މި މަޝްވަރާތަކުގެ ނަތީޖާއަށާއި ބޭނުންވާ މުރާޖާ ކުރުމުގެ މަރުހަލާތައް ނިމެންދެން (އޭޝިއާގެ ގައުމުތަކުން)އިންތިޒާރު ކުރެއްވުމަށް އޭއެފްސީން (ހުރިހާ މެމްބަރު އެސޯސިއޭޝަންތަކުގެ ކިބައިން)އިހުތިރާމާ އެކު އެދެން"
ސަލްމާންގެ ސިޓީގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފުޓްބޯޅައިގެ މަންފާ އާއި މަސްލަހަތު ކުރިއަރުވައި، ދެފުށް ފެންނަ ގޮތެއްގައި މަސައްކަތް ކުރުމުގައި އޭއެފްސީ ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވިއެވެ.
މި ޕްލޭނާ މެދު ދުނިޔޭގެ ފުޓްބޯޅައިގެ ބާރުތަކުގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާއިރު، ޔޫރަޕްގެ 55ގައުމަކުން ވަނީ މި ޕްލޭނާ ދެކޮޅަށް ތެދުވެފައެވެ. ޔޫއެފާގެ އޮންލައިން ކޮންގްރެސްގައި އިއްޔެ ނިންމާފައި ވަނީ، ފީފާއިން މި ޕްލޭން އަނބުރާ ނުގެންދާހާ ހިނދަކު ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތައް ބޮއިކޮޓް ކުރުމަށެވެ. މި ނިންމުން ނިންމާފައިވަނީ ޔޫރަޕްގެ ހުރިހާ މެންބަރު ގައުމެއްގެ އިއްތިފާގުންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި ނިންމުމަށް ވޯޓު ދޭނެ ގޮތެއް ނިންމުމަށް މެންބަރު ގައުމުތަކަށް 53ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އަންނަ ސެޕްޓެމްބަރު 19ގައި ބާއްވާ ކޮންގްރެސްގައި ފީފާގެ 211މެންބަރު ގައުމުގެ މެދުގައި ނަގާ ވޯޓުން މި ޕްލޭން ފާސްވާނީ 50ޕަސަންޓަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. އޭގެ ކުރިން 38މެންބަރުން ހިމެނޭ ފީފާ ކައުންސިލުން މި ހުށަހެޅުން ހުށަހަޅާނެއެވެ. ނަމަވެސް، އޭއެފްސީން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފަދަ ޕްލޭނެއް އިއުލާން ކުރުމުގެ ކުރިން ފީފާއިން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި، މާލީ، ގާނޫނީ ނުވަތަ އިދާރީ އެއްވެސް ތަފްސީލެއް ވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން "ފީފާ އެންޓަޕްރައިޒަސް"ކުންފުނީގެ ހިއްސާ ގަންނަން މަސައްކަތް ކުރަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތުރައިވް ކެޕިޓަލް"އާއި ޖޭޕީ މޯގަން ޗޭސް ބޭންކުންނެވެ. ޖޭޕީ މޯގަންއަކީ މީގެ ކުރިން ޔޫރަޕްގެ ބާރުގަދަ 11ކްލަބަކާއި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގުޅިގެން އުފައްދަން އުޅުނު ޔޫރަޕިއަން ސުޕަ ލީގަށް އިންވެސްޓް ކުރަން އުޅުނު ބޭންކެވެ. ނަމަވެސް ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެ ޕްރޮޖެކްޓް ވަނީ ފެއިލްވެފައެވެ. މި ހުރިހާ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ފީފާގެ ރައީސް އިންފަންޓީނޯ މި ޕްލޭން ސިފަކުރައްވަނީ ދުނިޔޭގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.