މ. މުލީގައި މިހާރު ކުރިއަށްދާ، މިއަހަރުގެ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ "މުލީކޮޅު ރާޅުގަނޑު"ގެ އޯޕަން ބައިގެ ސެމީ ފައިނަލުން ޒުވާން ރާޅާއެޅުންތެރިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ޖުމްލަ 23އެތުލީޓުންނާއެކު ކުރިއަށްދާ މި ބައިގެ ސެމީ ފައިނަލަށް ހޮވުނު ހަތަރު ރާޅާއެޅުންތެރިންގެ ތެރެއިން ތިން އެތުލީޓުންނަކީ 18އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ބައްދަލުކުރާނީ ޔަސީން އަހުމަދާއި ސައްޔިދު ސަލާހުއްދީންއެވެ. ދެވަނަ ހީޓުގައި ހުސެއިން އަޒާން އިސްމާއިލް ނުކުންނާނީ ސާފް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އަހުމަދު އާގިލް (އަންމަޑޭ)އާ ދެކޮޅަށެވެ. މިއަހަރު ފުވައްމުލަކުގައި ބޭއްވި ފުރަތަމަ މުބާރާތުގައި ވެސް ޒުވާން އެތުލީޓުން ވަނީ މޮޅު ކުޅުމެއް ދައްކައި ތަޖުރިބާކާރުން ފަހަތަށް ޖައްސާލައިފައެވެ. އެ މުބާރާތުގެ ސެމީގައި މުޅިންވެސް ވާދަކުރީ 18އަހަރުން ދަށުގެ ސާފަރުން ކަމަށްވާއިރު، ޗެމްޕިއަންކަން ހޯދީ އުމުރުން 16އަހަރުގެ ޔަސީންއެވެ.
މުލީކޮޅު މުބާރާތުގެ ސެމީގެ ޖާގައެއް ޔަސީން ކަށަވަރުކުރީ ކުއާޓާ ފައިނަލްގައި 12.67ޕޮއިންޓް ހޯދައި، 1.17ޕޮއިންޓްގެ ތަފާތުން މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކުރުމަށް ފަހުއެވެ. ދެވަނަ ހީޓުގައި ސައްޔިދު ސަލާހުއްދީން ވަނީ 9.60ޕޮއިންޓް ހޯދައި، 0.5ޕޮއިންޓްގެ ތަފާތުން ނޫހް މުހައްމަދު ދުނެއިމް އިރުޝާދުގެ މައްޗަށް ކުރި ހޯދައިފައެވެ. ތިންވަނަ ހީޓުގައި ކަޔާން އަބްދުﷲ އަރީފާ ވާދަކޮށް 8.73ޕޮއިންޓާއެކު 0.9ޕޮއިންޓްގެ ތަފާތުން ކުރިހޯދީ އަޒާންއެވެ. ކުއާޓާގައި 18އަހަރުން މަތީގެ ސާފަރުން ވާދަކުރި ހަމައެކަނި ހީޓުން އަންމަޑޭ މޮޅުވީ އިސްމާއިލް ރަޝީދު (ސްމައިލީ)އާ ވާދަކޮށް 10.50ޕޮއިންޓް ހޯދައިގެން 0.34ޕޮއިންޓްގެ ތަފާތުންނެވެ.
މީގެ އިތުރުން، މުލީކޮޅު ރާޅުގަނޑު މުބާރާތުގެ 18އަހަރުން ދަށުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލްގެ ޖާގަތައް ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. ޖުމްލަ 16ބައިވެރިންނާ އެކު ކުރިއަށްދާ މި ބައިގެ ސެމީގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ އަޒާންއާއި ކަޔާން އަރީފްއެވެ. ދެވަނަ ހީޓުގައި ބައްދަލުކުރާނީ އިނާން އާއި އަހުމަދު ރަފާން ރައޫފްއެވެ.
ޖޫނިއާ ބައިގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދީ 7.57ޕޮއިންޓް ހޯދި އަޒާންއެވެ. އަދި 6.40ޕޮއިންޓާއެކު ދެވަނަ ހޯދައިގެން ރަފާން ސެމީއަށް ދިޔައިރު، ފުވައްމުލަކު މުބާރާތުގެ ޖޫނިއާ ޗެމްޕިއަން ނޫހް އަށް 5.73ޕޮއިންޓް ލިބިގެން ވަނީ މުބާރާތުން ކަޓައިފައެވެ. ދެވަނަ ހީޓުން 10.17ޕޮއިންޓާ އެކު އިނާން އެއްވަނަ ހޯދިއިރު، ކަޔާން އަރީފް ދެވަނަ ހޯދީ 9.50ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުގައި ވާދަކުރި ޔަސީންއަށް ލިބުނީ 6.26ޕޮއިންޓެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.