ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތަށި ދިފާއުކުރުމަށް ޑި މިނޯއައިން ފުރިހަމަ ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި މިހާރު ކުރިއަށްދާ ވޮޝިންގޓަން އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއަ، ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ބަލިކޮށް، މުބާރާތުގެ ތަށި ދިފާއުކުރުމުގެ އަމާޒުގައި ވަރުގަދަ ކާމިޔާބީއަކާ އެކު ފުރިހަމަ ފެށުމެއް ހޯދައިފިއެވެ.

ފުރަތަމަ ބުރުގައި ކުޅުނު މި ފޯރިގަދަ މެޗު ޑި މިނޯއަ ކާމިޔާބުކުރީ ރަނގަޅު ފޯމެއްގައި ހުރި ސިޓްސިޕާސްއާ ވާދަކޮށް ދެ ސެޓު އެއް ސެޓުންނެވެ. އޭނާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4، 3-6އަދި 6-3ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޑި މިނޯއަ ދެން ނުކުންނަން ޖެހޭނީ، އޮސްޓްރޭލިއާގެ ޓެނިސް ލެޖެންޑް ލޭޓަން ހެވިޓްގެ ދަރިފުޅު ކަމަށްވާ ކުރޫޒް ހެވިޓްއާ ދެކޮޅަށެވެ. އެމެރިކާގެ މާކޯސް ޖިރޯންގެ މައްޗަށް 6-3އަދި 6-4އިން ސީދާ ދެ ސެޓުން ކުރިހޯދައިގެން، ޒުވާން ކުޅުންތެރިޔާ ކުރޫޒް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުން އެމެރިކާގެ ޓޭލަރ ފްރިޓްޒް ވެސް ވަނީ ޖާގަ ހޯދާފައެވެ. މުބާރާތުގައި ތިންވަނައަށް ސީޑުކޮށްފައިވާ ފްރިޓްޒް ކުއާޓަރއަށް ދަތުރުކުރީ ދެވަނަ ބުރުގައި ޕޯލަންޑްގެ ކަމީލް މައިޗިރިޒަކްއާ ދެކޮޅަށް ކުޅެ، 6-3އަދި 6-4އިން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި އޭނާ ވާދަކުރަން ހަމަޖެހިފައިވަނީ އަމިއްލަ ޤައުމުގެ އެލެކްސް މިޝެލްސަންއާއެވެ.

މީގެ އިތުރުން، މުބާރާތުގައި ހަތަރުވަނައަށް ސީޑުކޮށްފައިވާ އިޓަލީގެ ލޮރެންޒޯ މުސޭޓީ ވެސް ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އޮސްޓްރޭލިއާގެ އެލެކްސެންޑަރ ވުކިޗްއާ ދެކޮޅަށް ކުޅުނު މެޗު މުސޭޓީ ކާމިޔާބުކުރީ 6-3، 5-7އަދި 6-3ގެ ނަތީޖާއަކުންނެވެ. ކުއާޓަރ ފައިނަލްގައި މުސޭޓީ ބައްދަލުކުރާނީ ސްޕެއިންގެ ރަފައެލް ހޮޑާއާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު