ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުލަމްގެ ސީނިއާ ސްކޮޑުގައި ބަންގްލަދޭޝް ކުޅުންތެރިއެއް!

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ފުލަމްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު، ބަންގްލަދޭޝްގެ އާއިލާއަކަށް އުފަން ޒުވާން ކުޅުންތެރިޔާ ފަރްހާން އަލީ ވާހިދުއަށް ލިބި، އޭނާ އެ ޓީމަށް ކުޅެން ފަށައިފިއެވެ.

އުމުރުން 19އަހަރުގެ ފަރްހާން ފުލަމްގެ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނީ، އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގައެވެ.

ފުލަމްގެ 21އަހަރުން ދަށުގެ ޓީމުގައި މީގެ ކުރިން ހިމެނުނު ފަރްހާންއަށް ސީނިއާ ޓީމުން ޖާގަ ދޭން ނިންމީ އެ ޓީމުގެ އާ ކޯޗު އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަލްވާރޯ އާބެލޯއާއެވެ. އާބެލޯއާ ވަނީ އިއްޔެ ސައުދީ އަރަބިއާގެ އަލް އަހްލީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަރްހާން ކުޅެން ނެރެފައެވެ. ޕްރީ ސީޒަންގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާ ދައްކާ ކުޅުމަށް ބަލައި، ޕްރިމިއާ ލީގަށް ރަޖިސްޓަރީ ކުރާ ފުލަމްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު 2ގެ ޗެމްޕިއަންކަން ފުލަމްގެ 21އަހަރުން ދަށުގެ ޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފަރްހާން ވަނީ، މިދިޔަ ނޮވެމްބަރު މަހު އެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އިނގިރޭސިވިލާތުގައި ދިރިއުޅޭ ބަންގްލަދޭޝްގެ އާއިލާއަކަށް އުފަންވި ނަމަވެސް، ފަރްހާން ވަނީ ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅުމަށް އެއްބަސްވެފައެވެ. މިއާ އެކު އޭނާ ވެގެންދާނީ އިނގިރޭސި މަތީ ފަންތީގެ ކްލަބަކަށް ކުޅޭ ބަންގްލަދޭޝްގެ ދެވަނަ ކުޅުންތެރިޔާއަށެވެ.

އިނގިރޭސި ކްލަބް ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބަންގްލަދޭޝްގެ މިޑްފީލްޑަރު ހަމްޒާ އަލީ ޗައުދަރީއަކީ މި ފެންވަރުގައި ކުޅޭ ފުރަތަމަ ކުޅުންތެރިޔާއެވެ. އަންނަ ނޮވެމްބަރު މަހު އަމިއްލަ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ނަގާ ބަންގްލަދޭޝްގެ ގައުމީ ސްކޮޑުން ފަރްހާންއާއި ހަމްޒާ ފެންނާނެ ކަމަށް ބެލެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު