ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިލިޓީ ނިއުގެ އެއްބަސްވުން އާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސްކޮޑު ވަރުގަދަކުރުމުގެ މަގުސަދުގައި، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ވެސް އެ ކުލަބުގެ މެދުތެރެ ބެލެހެއްޓުމަށް ލައިބީރިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އަބްދުﷲ ޔާޔާ ބިލިޓީގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

މި ފަހަރުގެ ސީޒަނާ ކުރިމަތިލާއިރު ނިއުއިން ވަނީ ހަތަރު ބިދޭސީ ކުޅުންތެރިއަކު ޓީމުގައި ހިމެނޭކަން ހާމަކޮށްފައެވެ. އުމުރުން 26އަހަރުގެ ބިލިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން ހާމަކުރަމުން އެ ކުލަބުން ބުނެފައިވަނީ، އޭނާއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން މިދިޔަ ސީޒަނުގައި ސާބިތުކޮށްދީފައިވާ ކަމަށާއި، އޭނާގެ ފުޓުބޯޅައިގެ ވާހަކައިގައި އިތުރު ޞަފްޙާތަކެއް ލިޔަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ކިބައިގައި ހުރި މޮޅުވުމުގެ ރޫހާއި ތަފާތު ހުނަރުވެރިކަމަކީ ކުލަބުން އޭނާ މަޑުކުރުވަން ނިންމި އެންމެ ބޮޑު ސަބަބުކަމަށް ވެސް ނިއުއިން ފާހަގަކުރިއެވެ.

ލައިބީރިއާގެ ލީގުގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަރީގެ ގޮތުގައި ކުރިން ވިދާލި ބިލިޓީ ވަނީ 2023/2024ވަނަ އަހަރުގެ ސީޒަނުގައި އެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ)ގެ މަގާމު ހޯދާފައެވެ. އޭނާއަކީ ލައިބީރިއާގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު، ދުނިޔޭގެ ނަންމަޝްހޫރު ކުޅުންތެރިޔާ ސަޑިއޯ މާނޭ ނިސްބަތްވާ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ގައުމީ ޓީމަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބިލިޓީގެ ސީނިއަރ ފުޓުބޯޅަ ކެރިއަރު 2015ވަނަ އަހަރު ލައިބީރިއާގެ ކެއިޓްރެސްއިން ފަށާފައިވާއިރު، އޭނާ ވަނީ ބީ މައުންޓަންއާއި ބަރަކް ވައިސީ ފަދަ ކުލަބުތަކަށް ކުޅެފައެވެ. އަދި 2023ވަނަ އަހަރު ހެވަން އިލެވަންއާ ގުޅި، އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. އައު ސީޒަނަށް ނިއުއިން ތައްޔާރުވަމުން އަންނައިރު، ބިލިޓީގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއަށް މޮޅު ކުޅުމެއް ދައްކާފައިވާ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެ ކުލަބަށް ގެނެސްފައިވާކަމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު