ޖެހިޖެހިގެން ދެވަނަ އަހަރަކު އެއްވެސް މުބާރާތެއްގެ ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، ވޭތުވެދިޔަ ސީޒަނުގައި ލިބުނު ބޮޑު އާމްދަނީއާ އެކު ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުލަބު، ރެއާލް މެޑްރިޑުން މާލީ ގޮތުން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
ރެއާލް މެޑްރިޑުން ދާދިފަހުން އާންމުކުރި މާލީ ރިޕޯޓުތައް ދައްކާގޮތުގައި ނިމިދިޔަ ސީޒަނުގައި އެ ކުލަބަށް ވަނީ 1.3ބިލިއަން ޑޮލަރުގެ ރެކޯޑު އާމްދަނީއެއް ލިބިފައެވެ. ކުލަބު ހިންގުމަށާއި ކުޅުންތެރިން ގެނައުމަށް ހޭދަކުރި ފައިސާ އުނިކުރުމުން ވެސް، ސާފު ފައިދާގެ ގޮތުގައި 1.2ބިލިއަން ޑޮލަރު އެ ކުލަބަށް ވަނީ ލިބިފައެވެ.
އެ ކުލަބުން ނެރުނު ރަސްމީ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އޭގެ ކުރީ ސީޒަނާ އަޅައިބަލާއިރު 3.1އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ރެއާލް މެޑްރިޑުން ވަނީ މީގެ ކުރިން އެ ކުލަބުން ހަދާފައިވާ މާލީ ރެކޯޑު މުގުރާލާފައެވެ. މިއީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެހެން އެއްވެސް ކުލަބަކަށް މިހާތަނަށް ވާސިލުވެވިފައިނުވާ މިންވަރެކެވެ.
މާލީ ގޮތުން މިފަދަ ބޮޑު ކުރިއެރުމެއް ރެއާލް މެޑްރިޑަށް ލިބުމުގެ އެންމެ ބޮޑު ސިއްރަކީ އެ ކުލަބުގެ އަމިއްލަ ދަނޑެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ދަނޑުގައި، ފުޓުބޯޅަ މެޗުތަކުގެ އިތުރުން ތަފާތު އެކި ކަހަލަ ބޮޑެތި އިވެންޓުތައް ބާއްވައިގެން އެ ކުލަބުން އަންނަނީ އާމްދަނީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.