އިނގިރޭސިވިލާތުގެ ފުޓްބޯޅަ މެޗުތަކުގައި ގޯލްކީޕަރުން ގަސްތުގައި އަނިޔާވިކަމަށް ހަދައިގެން ޓީމުތަކުން ހޯދަމުންދާ ނާޖާއިޒު "ޓެކްޓިކަލް ޓައިމްއައުޓް"ގެ ފައިދާ ހުއްޓުވުމުގެ ގޮތުން، އަންނަ ސީޒަނުން ފެށިގެން ހަރުދަނާ އައު އުސޫލެއް ތަންފީޒުކުރަން ނިންމައިފިއެވެ.
މި އައު ނިޒާމުގެ ދަށުން، ކީޕަރަކަށް އަނިޔާވެގެން މެޗުގެ ކުޅުން މެދުކަނޑާލަން ޖެހިއްޖެ ނަމަ، އަލުން ކުޅުން ފަށާއިރު ޓީމުގެ ކޯޗު އިޚުތިޔާރުކުރާ އައުޓްފީލްޑް އެއް ކުޅުންތެރިޔަކު މަދުވެގެން އެއް މިނެޓު ވަންދެން ދަނޑުން ބޭރުގައި މަޑުކުރަން ޖެހޭނެއެވެ. އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިފެބް)ގެ ރުހުމާ އެކު ތައާރަފުކުރާ މި އުސޫލަށް، އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭގެ އިތުރުން އީއެފްއެލް، ނޭޝަނަލް ލީގު އަދި ވުމަންސް ސުޕަ ލީގުން ވަނީ އެއްބަސްވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ސީޒަނުގައި އިނގިރޭސި އަންހެން އަދި ފިރިހެން ޕްރޮފެޝަނަލް ފުޓްބޯޅައިގެ ހުރިހާ ފަންތިއެއްގައި މި ގަވާއިދަށް އަމަލުކުރާނެއެވެ.
ފަހަކަށް އައިސް، އިދިކޮޅު ކުޅުންތެރިޔަކާ އެއްވެސް ބީހުމެއް ނެތި ކީޕަރުން ދަނޑުމައްޗަށް ވެއްޓި ފަރުވާއަށް އެދޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ މެޗުގެ ޓެމްޕޯ ވައްޓާލުމަށާއި، ކޯޗުންނަށް ކުޅުންތެރިންނާ ވާހަކަދައްކައި ޓެކްޓިކަލް އިރުޝާދު ދިނުމަށް ގަސްތުގައި ހޯދާ ވަގުތުކޮޅެއްކަމަށް ސަޕޯޓަރުންނާއި މެނޭޖަރުން ތުހުމަތުކުރެއެވެ. އިނގިރޭސި އެފްއޭއިން ބުނިގޮތުގައި، މި އައު ބަދަލުގެ މައިގަނޑު މަގުސަދަކީ ކުޅުމުގެ އޮމާންކަން ގެއްލުވާލައި، ވަގުތު ބޭކާރުކުރުމަށް ކީޕަރުން ކުރާ މިފަދަ އަމަލުތައް ހުއްޓުވުމެވެ. މުޅި ސީޒަނުގައި މި އުސޫލުގެ ނަތީޖާ ވަޒަންކުރަމުން ގެންދާނެކަމަށް ވެސް އެފްއޭއިން މައުލޫމާތުދެއެވެ.
އައިފެބްއިން ފާހަގަކުރާ ގޮތުގައި، މިއީ އައުޓްފީލްޑް ކުޅުންތެރިންނަށް އަނިޔާވެގެން ފަރުވާ ހޯދަން ދަނޑުން ފައިބައި އެއް މިނެޓު މަޑުކުރަންޖެހޭ ގޮތަށް މިހާރުވެސް އޮންނަ ގަވާއިދުގެ މައްޗަށް ބިނާކޮށް އެކުލަވާލި އުސޫލެކެވެ. ނަމަވެސް، ފައުލެއްގެ ސަބަބުން އަނިޔާވުމާއި، ލޭ އައުން ނުވަތަ އެހެން ކުޅުންތެރިޔަކާ ޖެހި އަނިޔާވުން ފަދަ ސައްހަ ހާލަތްތަކުގައި މި އައު ގަވާއިދެއް ނުހިނގާނެއެވެ.
އަންނަ އޮގަސްޓް މަހުގެ 1ވަނަ ދުވަހު ކުޅޭ ލީގު ކަޕްގެ މެޗުތަކާ އެކު މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި، ބަދަލުކުރާ ކުޅުންތެރިން 10ސިކުންތުގެ ތެރޭގައި ދަނޑުން ފޭބުން މަޖުބޫރުކުރުމާއި، ގޯލް ކިކް އަދި އެއްލުންތަކަށް 5ސިކުންތުގެ ކައުންޓްޑައުނެއް ކަނޑައެޅުން ހިމެނެއެވެ.
ނިމިދިޔަ ސީޒަނުގައި ކީޕަރުންގެ މިފަދަ އަމަލުތަކާ ގުޅިގެން ގިނަ ކޯޗުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އާސެނަލްގެ ޑޭވިޑް ރާޔާ އަދި ޖިއަންލުއިޖީ ޑޮންނަރުއްމާ ފަދަ ކީޕަރުން ގަސްތުގައި މެޗު މެދުކަނޑާލިކަމަށް ބުނެ، ބްރައިޓަންގެ ކޯޗު ފަބިއަން ހުރްޒެލާއާއި ލީޑްސް ޔުނައިޓެޑްގެ ކޯޗު ޑެނިއަލް ފާކޭ ވަނީ އެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިކަން ހުއްޓުވުމަށް ގޮވާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.