ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮންފަރެންސް ލީގު ކްރިސްޓަލް ޕެލަސްއިން ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކޮންފަރެންސް ލީގުގެ ފައިނަލުގައި ސްޕޭންގެ ރަޔޯ ވަޔެކާނޯގެ މައްޗަށް 1-0އިން ކުރިހޯދައި، ކްރިސްޓަލް ޕެލަސްއިން އެޓީމުގެ ފުރަތަމަ ޔޫރަޕިއަން ތަށި ކާމިޔާބުކޮށްފިއެވެ.

މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ޖީން-ފިލިޕް މަޓެޓާއެވެ. އޭނާ މި ލަނޑު ޖެހީ އެޓީމުގެ އެޑަމް ވޯޓަން ފޮނުވާލި ހަމަލާއެއް ރީބައުންޑްވެގެން އައި ވަގުތުގައެވެ.

ޖަރުމަނުގެ ލައިޕްޒިގްގައި ކުޅުނު މި މެޗަކީ މި ދެ ޓީމުވެސް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއާ އެކު، ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހު ކްލަބް ދޫކޮށްލާ އެޓީމުގެ ކޯޗު އޮލިވާ ގްލާސްނާ ކްލަބާ ވަކިވާނީ ބޮޑު ކާމިޔާބީއަކާ އެކުގައެވެ. މިއީ ގްލާސްނާ އެޓީމަށް ހޯދައިދިން ހަމައެކަނި ތަށްޓެއް ނޫނެވެ. އޭނާ ވަނީ ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ވެސް އެޓީމަށް ހޯދައިދީފައެވެ.

މި ފަހަކަށް އައިސް އެޓީމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކްލަބުގެ މިލްކުވެރިކަމުގެ މައްސަލަތަކާ ހުރެ 2025ވަނަ އަހަރު ޔޫރޮޕާ ލީގުން، ޔޫރަޕުގެ ތިންވަނަ ފަންތީގެ މުބާރާތަށް ރެލިގޭޓްވާން ޖެހުނެވެ.

މީގެ އިތުރުން ނޮން-ލީގު މެކްލްސްފީލްޑް އަތުން ބަލިވެ ހައިރާންކުރުވަނިވި ގޮތަކަށް އެފްއޭ ކަޕުން ކަޓައި، ޕްރިމިއާ ލީގުގެ 15 ވަނައިގައި އެޓީމު ސީޒަން ނިންމާލަން ޖެހުނެވެ.

ޕެލަސްގެ މުހިންމު ދެ ކުޅުންތެރިއަކު ވެސް ވަނީ މި ސީޒަންގައި ޓީމު ދޫކޮށް ގޮސްފައެވެ. އެގޮތުން މިދިޔަ ހޫނު މޫސުމުގައި އެބެރެޗީ އެޒޭ އާސެނަލްއަށް ވިއްކާލިއިރު، މާކް ގޭހީ ވަނީ ޖެނުއަރީ މަހު ސިޓީއާ ގުޅިފައެވެ.

ކޮންފަރެންސް ލީގު ކާމިޔާބުކުރުމާ އެކު، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ކަށަވަރުވެ، އެޓީމަށް އަނެއްކާ ވެސް ޔޫރަޕުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޕެލަސްއަކީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއަށް ފަހު، މި ސީޒަނުގައި ޔޫރަޕުގެ ތަށްޓެއް ހޯދި އިނގިރޭސި ދެވަނަ ޓީމެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު