އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެމެދު އުފެދިފައިވާ ކަމަށް ތުހުމަތުކުރެވޭ ނަހަމަ ގުޅުންތައް ތަހުގީގު ކުރުމަށް ޓަކައި، އިންފަންޓީނޯ އެ ގައުމުގެ ކޮންގްރެސްގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ.
މި މައްސަލަ ބަލަން ތަހުގީގެއް ފައްޓަވާފައި ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ޖޭމީ ރަސްކިންއެވެ.
ޖޭމީ ރަސްކިން ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޓްރަމްޕްގެ އަރިސް ބޭފުޅުންނަށް ފީފާއިން ދީފައިވާ ކަމަށް ބުނާ ހަދިޔާތަކާއި އެހެނިހެން އިނާޔަތްތަކުގެ ތަފްސީލު ހޯދުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ނިއުޔޯކްގައި ހުންނަ ޓްރަމްޕްގެ އާއިލީ ވިޔަފާރި ކުންފުނީގެ މައި މަރުކަޒު ކަމަށްވާ "ޓްރަމްޕް ޓަވަރު"ގައި ގާއިމުކޮށްފައިވާ ފީފާގެ އޮފީހަށް ޒިޔާރަތްކުރި މީހުންގެ ލޮގްތައް ހިއްސާކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.
ކޮމިޓީން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދާރީވުމަށް އިންފަންޓީނޯ ހާޒިރުކުރަން ރަސްކިން އެދިވަޑައިގެންނެވި ނަމަވެސް، މި ހުށަހެޅުން ފާސްވުމުގެ ފުރުސަތު ކުޑައެވެ. ސަބަބަކީ ޖުޑިޝަރީ ކޮމިޓީގައި ރަސްކިން ތަމްސީލުކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީއެއް މިވަގުތު ނެތުމެވެ.
މި ތަހުގީގާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ފީފާއިން އަލަށް ތައާރަފުކުރި "ޕީސް ޕްރައިޒް"ޓްރަމްޕަށް އެރުވުން ހިމެނެއެވެ. ކެނެޑީ ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތަށްޓަކައި، ޓްރަމްޕްގެ ސަރުކާރުން އަންގައިގެން އެ ސެންޓަރުގެ މަރާމަތުގެ މަސައްކަތްތައް އަވަސްކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑު ބާތިލުކުރުމަށް ޓްރަމްޕް ސީދާ އިންފަންޓީނޯއަށް ގުޅުއްވި ކަމަށާއި، އޭގެ ފަހުން ފީފާއިން އެ ކާޑު ބާތިލުކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރަސްކިންގެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފީފާގެ އެކި އިސްވެރިންނާ ދެކޮޅަށް 2015ވަނަ އަހަރުން ފެށިގެން ބަލަމުންދިޔަ މައްސަލަތައް އެމެރިކާގެ ސްޓޭޓ ޑިޕާޓްމެންޓުން ވަނީ ބާތިލުކޮށްފައެވެ. އަދި ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓްގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނު މައްސަލަވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.