ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިނގިރޭސި ލީގާ ވާދަކުރުމަށް ޖަރުމަނު ލީގުން ބިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގާ ދެމެދު އޮތް މާލީ ފަރަގު ކުޑަކުރުމުގެ ގޮތުން، އެމެރިކާގެ ކުންފުންޏަކުން 1.1ބިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ހޯދުމަށް ޖަރުމަނުގެ ބުންޑެސްލީގާއިން މަޝްވަރާ ފަށައިފިއެވެ. 

ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުންޑެސްލީގާގެ އިސް ބޭފުޅުން ވަނީ އެމެރިކާގެ އެޕޯލޯ ސްޕޯޓްސް ކެޕިޓަލްއާ އެކު ނިއުޔޯކްގައި ސިއްރު ބައްދަލުވުންތަކެއް ބާއްވާފައެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ 20އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކާ ގޮތަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށެވެ. މި ލޯނުގެ ރަހުނެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައި ވަނީ ކުރިއަށް އޮތް 20އަހަރުގެ ބުންޑެސްލީގާގެ ބްރޮޑްކާސްޓިން ރައިޓްސް ނުވަތަ މީޑިއާ ރައިޓްސްއެވެ. މި އެއްބަސްވުމުގެ ދަށުން ކްލަބްތަކުގެ އެއްވެސް ހިއްސާއެއް އުނިނުވާނެ ކަމަށާއި، ކްލަބްތަކުގެ ކޮންޓްރޯލް ސަޕޯޓަރުންގެ އަތްމަތީގައި އޮންނަ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލޯނު ނެގުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ ބުންޑެސްލީގާގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަނުގައި ހިމެނޭ ޖުމްލަ 36ކްލަބުގެ ތެރެއިން ތިންބައިކުޅަ ދެބައި ކްލަބުގެ ތާއީދު ލިބިގެންނެވެ. ނަމަވެސް، މިކަމަށް ވޯޓު ދިނުމަށް ކްލަބްތަކުން ޖެހިލުންވަނީ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެދާނެ ޕްރެޝަރަކަށް ޓަކައެވެ. ޖަރުމަނުގެ ސަޕޯޓަރުންނަކީ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމުގައި ފާހަގަކޮށްލެވޭ ބައެކެވެ. މީގެ ކުރިން ވެސް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދަން އުޅުމުން ސަޕޯޓަރުން ވަނީ ދަނޑުމައްޗަށް ޓެނިސް ބޯޅައާއި މެޓާ އުކައި، މެޗުތައް މެދުކަނޑާލަން ޖެހޭ ވަރަށް ނުރުހުން ފާޅުކޮށް ހަޅުތާލުކޮށްފައެވެ.

ބުންޑެސްލީގާއިން މިފަދަ ބޮޑު ލޯނެއް ނަގަން ބޭނުންވާ މައިގަނޑު ސަބަބަކީ މާލީ ގޮތުން ވަރުގަދަ އިނގިރޭސި ޕްރިމިއާ ލީގާ ވާދަކޮށް، ޔޫރަޕްގެ މުބާރާތްތަކުގައި ޖަރުމަނުގެ ކްލަބްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މިހާރު ޖަރުމަނުން ކޮންމެ ސީޒަނެއްގައި އެއް ފެންވަރެއްގައި ވާދަކުރެވެނީ ހަމައެކަނި ބެޔާން މިއުނިކަށެވެ. އެހެން ކްލަބްތަކަށް ދޭތެރެއަކުން ރަނގަޅު ކާމިޔާބީއެއް ހޯދުނު ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދިގު މުއްދަތަކަށް އެއް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު