ކުރިއަށް އޮތް ސީޒަނުން ފެށިގެން އިންޑިއަން ފުޓްބޯލް ލީގު (އައިއެފްއެލް)ގެ މެޗުތަކުގައި އެއް ފަހަރާ ކުޅެން އެރުވޭނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށް އެ ލީގުން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ލީގުގެ ގަވަނިން ކައުންސިލް ބައްދަލުވުމުގައި މި ގޮތަށް ފާސްކުރިއިރު، އާ ސީޒަން ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހުއެވެ.
ލީގުގައި ވާދަކުރާ 11ކްލަބުގެ ތެރެއިން 10ކްލަބަކުން ބައިވެރިވި މި ބައްދަލުވުމުގައި ބިދޭސީ ކުޅުންތެރިންގެ އަދަދު މަދުކުރަން ނިންމީ އިންޑިއާގެ ކުޅުންތެރިންނަށް، ޚާއްޞަކޮށް ޒުވާން ކުޅުންތެރިންނަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށެވެ. މިއީ އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ވިސްނުމެކެވެ. މީގެ ކުރިން އޮތް އުސޫލުން ނަމަ ކޮންމެ ޓީމަކަށް ވެސް އެއް ފަހަރާ ބިދޭސީ ހަތަރު ކުޅުންތެރިން ކުޅެން އެރުވުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް އާ އުސޫލާ އެކު ފުރަތަމަ އެގާރައިގައާއި މެޗުގެ ކޮންމެ ވަގުތެއްގައި ވެސް ކުޅެން ބޭނުންކުރެވޭނީ ގިނަވެގެން ތިން ބިދޭސީންނެވެ.
މީގެ އިތުރުން، ލީގުގައި ވާދަކުރާ ހުރިހާ ކްލަބްތަކަކުން ވަނީ އޭއައިއެފްއެފްގެ އެކަޑަމީ އެކްރެޑިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްބަސްވެފައެވެ. މި ޕްރޮގްރާމުގެ ދަށުން، އަންނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ކޮންމެ ކްލަބެއްގެ އެކަޑަމީއަކުން މަދުވެގެން ދެ ތަރީގެ އެކްރެޑިޓޭޝަން ހޯދަން ޖެހެއެވެ. އަދި 2030ވަނަ އަހަރު އަންނަންވާއިރަށް ތިން ތަރީގެ އެކްރެޑިޓޭޝަން ހޯދުމަކީ މި ޕްރޮގްރާމުގެ އަމާޒެކެވެ. މި ޕްރޮގްރާމުގައި ތަރިތައް ދޫކުރާނީ ކަނޑައެޅިފައިވާ ވަކި ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ.
ކުރިން "އައި ލީގު"ގެ ނަމުގައި ކުރިއަށްދިޔަ އައިއެފްއެލް އަކީ މިހާރު އިންޑިއާގެ ފުޓްބޯޅަ ލީގު ސިސްޓަމުގެ ދެވަނަ ޑިވިޜަނެވެ. މި ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އިންޑިއާގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަ ލީގުން ޖާގަ ލިބޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.