އިންގްލެންޑުގެ އާސެނަލްއިން ބޮޑު ހުށަހެޅުމެއް ތައްޔާރުކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި، ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބެނީސް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަށް ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ ނިންމައިފިއެވެ.
ވޯލްޑް ކަޕަށް ފަހު ލިބުނު ޗުއްޓީ ނިންމާލުމަށް ފަހު މި ހަފުތާގެ ތެރޭގައި ވިނީޝިއުސް ކްލަބުގެ ތަމްރީނުތަކާ ގުޅެންޖެހެއެވެ. ނަމަވެސް ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކްލަބުގައި އޭނާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާތީ މި ހަފުތާގައި އޭނާ ޓްރެއިނިންއަށް ހާޒިރުނުވާނެއެވެ. ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގެ ނިޔަލަށް ރެއާލްއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ކްލަބުން ބޭނުންވަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށް ދޭ މުސާރައާ އެއްވަރުގެ އުޖޫރައެއް ދިނުމަށް ފަހު ވިނީޝިއުސްގެ އެއްބަސްވުން އާކުރާށެވެ. އެހެން ނަމަވެސް އެމްބާޕޭއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ރެއާލްއިން ވަނީ ދެކޮޅުހަދާފައެވެ.
ރިޕޯޓުތައް ބުނާގޮތުން ވިނީޝިއުސްގެ މައިގަނޑު ދެ ޝަރުތެއް އެބައޮތެވެ. އެއީ އެމްބާޕޭއަށް ލިބޭ މިންވަރަށް ވުރެ އޭނާގެ މުސާރަ ބޮޑުކުރުން، ނުވަތަ ސްޕޮންސާޝިޕްތަކާއި އިމޭޖް ރައިޓްސްއިން ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް އޭނާއަށް ލިބޭގޮތަށް ހަމަޖެއްސުމެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން އިމޭޖް ރައިޓްސްގެ ފައިސާ ކުޅުންތެރިޔާއާއި ކްލަބުގެ މެދުގައި ބެހިގެންދަނީ ފަންސާސް ޕަސެންޓުންނެވެ.
މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ވިނީޝިއުސް ފަސްޖެހިފައިވާއިރު، އާސެނަލްގެ އިތުރުން ސައުދީ އަރަބިއްޔާގެ ބޮޑެތި ކްލަބުތަކުން ވެސް ދަނީ އޭނާގެ ސޮއި ހޯދުމަށް ފާރަލަމުންނެވެ. ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ރެއާލްގެ ޖާޒީގައި 128ލަނޑު ކާމިޔާބުކޮށްދީފައިވާ ހުނަރުވެރި ފޯވާޑަށް މިހާރު ހަފުތާއަކު 520،000ޔޫރޯގެ މުސާރައެއް ލިބެއެވެ.
ވިނީޝިއުސް އެއްބަސްވުން އާ ނުކޮށްފި ނަމަ އޭނާ ވިއްކާލަން ޖެހިދާނެ ހާލަތަކަށް ރިއާޔަތްކޮށް، ރެއާލްއިން މިހާރު ވަނީ އައިވަރީ ކޯސްޓުގެ ޔޭން ޑިއޮމަންޑް އެ ޓީމަށް ގެނެސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވިނީޝިއުސްއާއި ޑިއޮމަންޑް ތަމްސީލުކުރަނީ ވެސް އެއް އޭޖެންޓެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.