ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ ސިޔާސަތު ބަދަލުކޮށް، ޓީމަށް ތަޖުރިބާކާރު ކުޅުންތެރިން އިތުރުކުރުމުގެ ބޭނުމުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކުލަބު ޗެލްސީން ބްރެންޓްފަޑްގެ ޖޯޑަން ހެންޑަސަން އަދި ބްރައިޓަންގެ ޑެނީ ވެލްބެކް އެ ކުލަބަށް ގެނައުމުގެ ވާހަކަތައް ފަށައިފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 35އަހަރުގެ ވެލްބެކް ހުރީ ސްޓެމްފޯޑް ބްރިޖަށް ބަދަލުވުމުގެ ޝައުގުވެރިކަމުގައެވެ. އަދި މި ޓްރާންސްފާ ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޗެލްސީއަށް އެބައޮތެވެ. މީގެ އިތުރުން، އުމުރުން 36އަހަރުގެ ހެންޑަސަންއާއި ބްރެންޓްފަޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި އެއް އަހަރު ބާކީ އޮތް ނަމަވެސް، އެއްވެސް ފީއަކާ ނުލައި އޭނާ ދޫކޮށްލަން އެ ކުލަބުން މިހާރު ވަނީ ނިންމާފައެވެ.
ޗެލްސީން މިހާރު އަމާޒު ހިފާފައި ވަނީ ގިނަ ދުވަހު ކުޅެފައިވާ ކުޅުންތެރިން ޓީމުގައި ހިމެނުމަށެވެ. މިއީ އެ ކުލަބުގެ ކޯ-އޯނަރު ބެހްދާދު އެގްބާލީ މިދިޔަ އޭޕްރީލް މަހު ހާމަކުރެއްވި ގޮތަށް، ހަމައެކަނި ޒުވާން ކުޅުންތެރިން ހޯދުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު ގެނައި ބަދަލެކެވެ. ޗެލްސީގެ ޓާގެޓަކަށް ވެފައިވާ ވެލްބެކް ވަނީ ނިމިދިޔަ ސީޒަނުގައި ބްރައިޓަންއަށް 37މެޗު ކުޅެދީ 13ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭނާގެ ފުޓުބޯޅަ ހަޔާތުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ސީޒަނެވެ. އޭނާ 2020ވަނަ އަހަރު ވަޓްފޯޑުން ބްރައިޓަންއާ ގުޅުނު ފަހުން މިހާތަނަށް 201މެޗުގައި 51ގޯލު ވަނީ ޖަހާފައެވެ. އަޔެކްސް ދޫކޮށް ބްރެންޓްފަޑަށް ބަދަލުވި ހެންޑަސަން ވެސް ވަނީ ފާއިތުވި ސީޒަނުގައި އެ ޓީމަށް 34މެޗު ކުޅެދީފައެވެ.
ވެލްބެކް ހޯދުމަށް ޗެލްސީން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، މި މައްސަލައާ ގުޅިގެން ބްރައިޓަންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ވެލްބެކް ވަނީ ނިމިދިޔަ ސީޒަނުގެ ނިޔަލަށް މަޑުކުރުމަށް ޓަކައި، ފާއިތުވި މާޗު މަހުގެ ތެރޭގައި ބްރައިޓަންގެ އެއްބަސްވުން އައުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.