ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޤައުމީ ޓޭބަލް ޓެނިސް ޓީމަށް ނައިޖީރިއާގެ ކޯޗެއް

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހިރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމު ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަމާޒުގައި، ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 47އަހަރުގެ ތަޖުރިބާކާރު ކޯޗު، އޮމިނިޔި އަޑެޑޮޓުން އެ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެ ފަރިތަކުރުންތައް ފަށައިފިއެވެ. 

އައިޓީޓީއެފް ލެވެލް ދޭއްގެ ކޯޗިން ސަނަދާއި އެފްރިކަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ސެޓްފިކެޓް އޮންނަ އަޑެޑޮޓުންއަކީ 2009ވަނަ އަހަރުން ފެށިގެން ކޯޗިންގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، އައިޓީޓީއެފް މެންޓަރޝިޕްވެސް ފުރިހަމަކޮށްފައިވާ މީހެކެވެ. މީގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ކުލަބަކަށް އިރުޝާދު ދިނުމުގެ އިތުރުން، ނައިޖީރިއާގެ ޤައުމީ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް، އޮލިމްޕިކްސްއާއި ކޮމަންވެލްތު ގޭމްސް އަދި ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަދަ ބޮޑެތި މުބާރާތްތަކުގައި އެ ޤައުމަށް މަގުދައްކައިދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެފްރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިންނެއް އުފެދިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެ އައިސް ޤައުމީ ޓީމާ އެކު ފެށި ފުރަތަމަ ތަމްރީނުތަކަށް ފަހު މީޑިއާއާ ވާހަކަދައްކަމުން އާ ކޯޗު ބުނެފައި ވަނީ، ދިވެހި އެތުލީޓުންނަކީ ކުރިމަގު އޮތް، ކުރިއަށްދިއުމުގެ ބޮޑު ހުނަރެއް ލިބިފައިވާ ބައެއްކަން ފުރަތަމަ ދުވަހުން ވެސް ފާހަގަވެއްޖެ ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ ކުޅުންތެރިން މިހާރު ތިބި ހިސާބުން މައްޗަށް ޖައްސައި، ބައިނަލްއަޤްވާމީ މުބާރާތްތަކުން ޕޯޑިއަމް ފިނިޝްއަކަށް ދެވޭ ފެންވަރަށް ޓީމު ތަރައްޤީކޮށް، ތަފާތު ޤައުމުތަކާ އެކު ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިވެހި ކުދިންނަށް ހޯދައިދިނުން ކަމުގައި ވެސް އަޑެޑޮޓުން ފާހަގަކުރިއެވެ. 

މިއީ އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ޤައުމީ ޓީމަށް ކުރިން އިރުޝާދުދިން އީރާނުގެ ކޯޗު ފުރައިގެން ދިޔަފަހުން، ޤައުމީ ޓީމާ ދާއިމީ ކޯޗަކު ހަވާލުވި ފުރަތަމަ ފަހަރެވެ. 

އައު ކޯޗު ޓީމާ ހަވާލުވިއިރު، ރާއްޖޭގެ ސީނިއާ ޤައުމީ ޓީޓީ ޓީމު މިވަގުތު އޮތީ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދާ 22ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ. މި މުބާރާތުގައި ބައިވެރިވާ ދިވެހި ސްކޮޑުގައި ހިމެނެނީ ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި ޢާއިޝަތު އަލްސާ ނާފިޒްގެ އިތުރުން ފިރިހެން ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުހައްމަދު އާލް އިމްރާނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު