ރަޝިޔާގެ ބެޓިން ކުންފުންޏަކާ އެކު އޮތް ވިޔަފާރީގެ ގުޅުމެއްގެ ސަބަބުން، އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް އެ ގައުމުގެ ލެޖެންޑް އަންދްރެއާ ޕިރްލޯ ގެންނަން އުޅޭތީ، ސިޔާސީ ފަރާތްތަކުންނާއި ފުޓްބޯޅަ އިދާރާގެ އިސްވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ޕެޕް ގާޑިއޯލާ އެ މަގާމަށް ނައުމަށް ނިންމުމާ ގުޅިގެން، ޖެނާރޯ ގަޓޫސޯގެ ބަދަލުގައި އިޓަލީގެ ކޯޗުކަމަށް މިހާރު އެންމެ ބޮޑަށް ވިސްނަމުންދަނީ އުމުރުން 47އަހަރުގެ ޕިރްލޯ ގެނައުމަށެވެ. ނަމަވެސް، ރަޝިޔާގެ ބުކްމޭކަރ "ފޮންބެޓް"ގެ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތީ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ އޭނާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ވަރަށް ގާތުން ތަހުގީގު ކުރަމުންނެވެ.
ދުބާއީގެ ޔުނައިޓެޑް އެފްސީގެ ކޯޗެއްގެ ގޮތުގައި މިހާރު ހުރި ޕިރްލޯ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފޮންބެޓާ އެކު އެއްބަސްވުން ހެދުމަށް ފަހު، މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ބޭއްވި ހަރަކާތެއްގައި މާކޯ މަޓެރާޒީއާ އެކު ބައިވެރިވުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ. ޔޫކްރެއިނަށް ބޮމުގެ ހަމަލާތައް ދެމުންދިޔަ ދަނޑިވަޅެއްގައި އޭނާ އެ ގައުމަށް ކުރި ދަތުރާ ގުޅިގެން އުފެދުނު ފާޑުކިޔުންތަކަށް ރައްދުދެމުން ޕިރްލޯ ބުނެފައި ވަނީ، އެއީ ހަމައެކަނި ކޮމާޝަލް އެއްބަސްވުމެއް ކަމަށާއި އޭގައި އެއްވެސް ސިޔާސީ ނިޔަތެއް ނުވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޔޫރަޕިއަން ޕާލަމަންޓުގެ ނައިބު ރައީސް ޕީނާ ޕިޗިއެރްނޯ އަދި ސިޔާސީ ލީޑަރު ކާލޯ ކަލެންޑާ ފަދަ ބޭފުޅުން ވަނީ ޕިރްލޯއާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި 2022ވަނަ އަހަރަށްފަހު ރަޝިޔާގެ މަސްލަހަތު ކުރިއަރުވަން މަސައްކަތްކުރާ މީހަކަށް ގައުމީ ޓީމުގެ އެންމެ އިސް މަގާމު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، އިޓަލީގެ ސެނެޓުގެ ރައީސް އިގްނާޒިއޯ ލާ ރޫސާ ވެސް ވަނީ، ކޯޗެއްގެ ގޮތުގައި ޕިރްލޯ ގެނައުމަކީ ރަނގަޅު ނިންމުމަކަށް ނުވެދާނެކަމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައެވެ.
މި ހޫނު ބަހުސްތައް ފެށިފައި މި ވަނީ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން އިޓަލީ ކަޓާފައިވުމުން، ފެޑެރޭޝަނުގެ ރައީސް ޖިއޮވާނީ މަލަގޯ އިސްވެ ހުންނަވައި ފުޓްބޯޅަ ނިޒާމު އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑިނީގެ ތާއީދު ޕިރްލޯއަށް އޮތް ނަމަވެސް، ސިޔާސީ ޕްރެޝަރުތަކާ އެކު އޭނާއަށް އެ މަގާމު ލިބުމާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.