ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޯލް-ސްޓަރ މެޗުގައި ބައިވެރިނުވާން މެސީ ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ނޯތު ކެރޮލައިނާގެ ޝާލޮޓްގައި އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)އޯލް-ސްޓަރ މެޗުގައި، އިންޓަރ މަޔާމީގެ ތަރި ލިއޮނެލް މެސީ ގައުމީ ޓީމާ އެކު ހޭދަކުރި ބުރަ ދުވަސްތަކަށްފަހު އަރާމުކުރުމުގެ ގޮތުން ނުކުޅޭނެކަން ޔަގީންވެއްޖެއެވެ.

މެކްސިކޯގެ ލީގު އެމްއެކްސް އާއި އެމެރިކާގެ އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިން ވާދަކުރާ މި ޝަރަފުވެރި މެޗުގައި ވިދިވިދިގެން ދެވަނަ އަހަރަށް މެސީ ނުފެންނާނެއެވެ. އޭނާ މި މެޗުގައި ބައިވެރިނުވާން ނިންމާފައި ވަނީ އާޖެންޓީނާ ޓީމާ އެކު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލާ ހަމައަށް ދަތުރުކުރުމަށް ފަހު، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ އަރާމު ހޯދުމުގެ ބޭނުމުގައެވެ.

މެސީގެ އިތުރުން ވެސް ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންތަކެއް ވަނީ މި މެޗުން އުނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މެކްސިކޯގެ ސީއެފް މޮންޓެރޭއަށް ދާދިފަހުން ބަދަލުވި ހިއުގޯ ކައިޕާސްއާއި، މެސީއެކޭ އެއްފަދައިން ގައުމީ ޓީމަށް ކުޅުމަށްފަހު އަރާމުކުރަން ނިންމި އިންޓަރ މަޔާމީގެ ރޮޑްރިގޯ ޑި ޕޯލްގެ އިތުރުން، އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުނު ޝިކާގޯ ފަޔަރގެ ޑިފެންޑަރު އެމްބެކެޒެލީ އެމްބޮކާޒީއެވެ.

މި ކުޅުންތެރިންގެ ބަދަލުގައި އެމްއެލްއެސް ޓީމުން އަލަށް ފުރުސަތު ދީފައި ވަނީ އިންޓަރ މަޔާމީގެ ޔަނިކް ބްރައިޓް، ވެންކޫވަރ ވައިޓްކެޕްސްގެ އެންޑްރެސް ކޫބާސް، ހިއުސްޓަން ޑައިނަމޯގެ ގިލެރްމީ އަދި ޝިކާގޯ ފަޔަރގެ ފިލިޕް ޒިންކަނާގަލްއަށެވެ. 

މި ކުޅުންތެރިންނަކީ ކުލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންނެވެ. އެގޮތުން ބްރައިޓް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނުވަ މެޗަކުން އިންޓަރ މަޔާމީ މޮޅުވެފައިވާއިރު، ކޫބާސް ވަނީ ބާރަ މެޗުން ތިން އެސިސްޓް ފޯރުކޮށްދީފައެވެ. ހަމައެހެންމެ، އަށް ލަނޑާއި ފަސް އެސިސްޓާ އެކު ގިލެރްމީ އޭނާގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާ އެކު ހޭދަކުރަމުންދާއިރު، ޒިންކަނާގަލް ވަނީ ފަސް ލަނޑު ޖަހައި ހަތް ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު