ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާފް ޗެމްޕިއަންޝިޕްގެ އައު ލޯގޯ ދައްކާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 4އިން 17އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ "ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026"ގެ ރަސްމީ ލޯގޯ، އެ ގައުމުގެ މުއްސަނދި ސަގާފަތް ރަމްޒުކޮށްދޭ ފަރުމާއަކާ އެކު ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ.

ޑާކާގައި ކުރިއަށްދިޔަ މި ކުލަގަދަ ރަސްމިއްޔާތުގައި، މުބާރާތުގެ މެއިން ސްޕޮންސަރަކީ "ޓެކްނޯ ސްޕޯޓްސް"ކަން ސާފް އިން ވަނީ އިއުލާނުކޮށްފައެވެ. އެހެންކަމުން މުބާރާތުގެ ރަސްމީ ނަމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026"އެވެ. 

އަލަށް ތަޢާރަފުކުރި ލޯގޯއިން މައިގަނޑު ގޮތެއްގައި ފެނިގެންދަނީ މުބާރާތް ބާއްވާ ގައުމުގެ އަމިއްލަވަންތަކަމާއި ތާރީޚެވެ. އެގޮތުން ބަންގްލަދޭޝްގެ އަންހެނުން އާންމުކޮށް ބޭނުންކުރާ ސަގާފީ ފޮއްޗެއް ކަމަށްވާ "ޖަމްދާނީ"ގެ ޚާއްސަ ކުރެހުންތަކާއި، އެ ގައުމުގެ ފާހަގަކޮށްލެވޭ އެހެނިހެން މުހިންމު ބިނާތަކުގެ ސިފަތައް މި ލޯގޯއިން ފެންނަން ހުންނާނެކަމަށް ސާފްއިން ބުނެފައިވެއެވެ.

މިއީ 2018ވަނަ އަހަރަށްފަހު ބަންގްލަދޭޝްގައި ސަރަހައްދީ ފުޓުބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ގައުމުގައި ކުޅުނު މުބާރާތަކީ ދިވެހިންނަށް ޚާއްސަ މުބާރާތެކެވެ. ސަބަބަކީ ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެވަނަ ފަހަރަށް އުފުލާލީ އެ އަހަރު ކަމަށް ވާތީއެވެ. 

ރާއްޖެއިން ވެސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މުބާރާތް ހޯސްޓުކޮށްފައެވެ. އެއީ 2008ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނާއި، 2021ވަނަ އަހަރު އެކަންޏެވެ. ސާފްގެ ތާރީޚަށް ބަލާއިރު އެންމެ ކާމިޔާބު ގައުމަކީ އިންޑިއާއެވެ. އެންމެ ފަހުން 2023ގައި އިންޑިއާގައި ބޭއްވި މުބާރާތް އެ ގައުމުން ކާމިޔާބުކުރިއިރު، އެ ފަހަރު ސްރީލަންކާ އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ. ނަމަވެސް އެ މުބާރާތް ވެގެންދިޔައީ ސަރަހައްދުން ބޭރުން ކުވެއިތާއި ލުބުނާންއިން ވެސް ވާދަކުރި ފޯރިގަދަ މުބާރާތަކަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު