ދުނިޔޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި އެންބީއޭގެ ތާރީޚުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ އުމުރުން 41އަހަރުގެ ލެބްރޯން ޖޭމްސް، އިތުރު ޗެމްޕިއަންކަމެއް ހޯދުމުގެ އަމާޒުގައި، އޭނާގެ ކެރިއަރުގެ އެންމެ ފަހު ކޮންޓްރެކްޓްގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާ އެކު ސޮއިކޮށްފިއެވެ.
މިދިޔަ މަހު ލޮސް އެންޖެލެސް ލޭކާސްގައި ހޭދަކުރި އަށް އަހަރުގެ ދިގު މުއްދަތަށް ފަހު އެ ޓީމު ދޫކޮށްލުމަށް ފަހު، ލެބްރޯން ވަނީ އޭނާ އަދިވެސް ކުޅިވަރަށް ހުރި ލޯތްބާއި ޝައުގުވެރިކަން ހާމަކޮށްފައެވެ. ފައިސާ ނުވަތަ އާއިލީ ސަބަބަކާ ހުރެ ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، އަދިވެސް ބޭނުންވަނީ ކުޅިވަރުގެ ތެރެއިން ގުރުބާނީތަކެއްވެ، ބުރަ މަސައްކަތުން އިތުރު ކާމިޔާބީތަކެއް ހޯދުމުގެ ފޮނިމީރުކަން ތަޖުރިބާކުރުމަށް ކަމަށެވެ.
ސޯޝަލް މީޑިއާ މަންސަ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ލެބްރޯން ހާމަކުރިގޮތުގައި، ސިކްސާސްއަކީ ތަށްޓާ ހަމައަށް ގެންދިއުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރި ޓީމެއް ކަމަށް ގަބޫލުކުރެއެވެ. އަދި އާ ސަޕޯޓަރުންތަކަކާއެކު އާ ރޫހެއްގައި، އޭނާގެ ކެރިއަރުގެ ފަހު ދަތުރު ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ލެބްރޯން ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި އޭނާ ކުރިން ކުޅުނު ކްލީވްލޭންޑް ކެވެލިއާސް އާއި މިއާމީ ހީޓުގެ އިތުރުން ގޯލްޑަން ސްޓޭޓް ވޯރިއާސް އަދި މިނެސޯޓާ ޓިމްބަވުލްވްސް ހިމެނެއެވެ. މީގެ ތެރެއިން މިއާމީ ހީޓުން ވަނީ އޮޅުމަކުން ލެބްރޯން އެ ޓީމަށް އަނބުރާ އަންނަކަން އިއުލާންކުރާ ޕްރެސް ކޮންފަރެންސެއްގެ ލިންކެއް ވެސް އާންމުކޮށްފައެވެ. ނަމަވެސް އެ ޓީމުން ފަހުން ބުނެފައި ވަނީ، އެއީ އޭނާ އަތުވެދާނެ ކަމަށް ބަލައި ކުރިއާލައި ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.
އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ލެބްރޯން ވަނީ އޭނާ ކުރިން ކުޅުނު ތިން ޓީމާ އެކު ވެސް ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 2003ވަނަ އަހަރު އޭނާގެ ކެރިއަރު ފެށި ކެވެލިއާސްއާއި، މިއާމީ ހީޓްގެ އިތުރުން ލޭކާސްއާއެކުގައެވެ. ޖެހިޖެހިގެން 22ސީޒަނުގައި އޯލް-ސްޓާ ޓީމުން ޖާގަ ހޯދާފައިވާ ލެބްރޯންގެ މި ނިންމުމާ އެކު، އޭނާގެ ޝަރަފުވެރި ކެރިއަރު ނިންމާލާނީ ފިލަޑެލްފިއާގެ ޖާޒީގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.