ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ކަޕް ކާމިޔާބުކުރުމަށް މޮރިޔާސޫ އަމާޒުހިފައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހަޖިމޭ މޮރިޔާސޫ، އޭނާގެ މަގާމުން ވަކިވުމުގެ ކުރިން އަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކޮށް، އެ ގައުމަށް ރަން މެޑަލް ހޯދައިދިނުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅައިފިއެވެ. 

ޖަޕާނުގެ ފުޓްބޯޅަ އިދާރާ (ޖޭއެފްއޭ)އިން ދާދިފަހުން އިއުލާނުކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 7އިން ފެބްރުވަރީ 5އަށް ކުރިއަށްދާ އޭޝިއަން ކަޕަށްފަހު މޮރިޔާސޫގެ ބަދަލުގައި ސީނިއާ ޓީމާ ހަވާލުވާނީ މިހާރު 21އަހަރުން ދަށުގެ ޓީމަށް އިރުޝާދުދެމުން އަންނަ ގޯ އޮއިވާ އެވެ. 2018ވަނަ އަހަރުން ފެށިގެން ޓީމާ ހަވާލުވެ ހުރި އުމުރުން 57އަހަރުގެ ކޯޗު ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ މި މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަމުން މޮރިޔާސޫ ބުނީ، އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ ކިތަންމެ ކުރު މުއްދަތެއް ނަމަވެސް، މަސައްކަތްކުރާނީ 2050ވަނަ އަހަރުގެ ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ޖަޕާނުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މަގުފަހިވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އޭޝިއަން ކަޕަށް ޓީމު ނެގުމުގައި މާޒީގެ ތަޖުރިބާއާއި މިހާރުގެ ހާލަތުގެ އިތުރުން މުސްތަގުބަލަށްވެސް ރިއާޔަތްކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. 

ފާއިތުވި މުބާރާތްތަކަށް ބަލާއިރު، 2019ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލްގައި ގަތަރު އަތުން ބަލިވެ ޖަޕާނަށް ލިބުނީ ރިހި މެޑައްޔެވެ. އަދި 2023ވަނަ އަހަރުގެ މުބާރާތުން އެ ޓީމު ކަޓަން ޖެހުނީ ކުއާޓާ ފައިނަލްގައި އީރާން އަތުން ބަލިވުމާ ގުޅިގެންނެވެ.

އަންނަ ޖެނުއަރީ މަހުގެ 11ވަނަ ދުވަހު އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުން ޖަޕާން މުބާރާތާ ކުރިމަތިލާއިރު، މޮރިޔާސޫ ބުނީ އޭނާއަށްފަހު ޓީމާ ހަވާލުވާ އޮއިވާއާ އެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒުވާން ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ޓީމުން މިހާރު ވެސް ފުރުސަތު ދެމުން އަންނަކަން ފާހަގަކޮށް، އޭނާ ޔަގީންކަން ދިނީ މުބާރާތުގައި ޓީމާ ގުޅޭގޮތުން ނިންމާ ހުރިހާ ނިންމުމެއްގެ ފުރިހަމަ ޒިންމާ އަމިއްލައަށް ނަގާނެ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު