އާއިލާއާއެކު ވަގުތު ހޭދަކޮށް އަރާމުކުރުމަށް ޓަކައި، ފުޓުބޯޅައާ ދުރަށް ޖެހިލުމުގެ ގޮތުން ސްޕެއިންގެ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ލިބުނު ފުރުޞަތު ދޫކޮށްލައިފިއެވެ.
އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑީނީއާއި އޭނާގެ މުޝީރު ލިއޮނާޑޯ ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ގާޑިއޯލާއާއެކު މި މަޤާމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އޭނާ މިކަމަށް އެއްބަސްވެއްޖެ ނަމަ، އާންމުކޮށް ކޯޗުންނަށް ކަނޑައަޅާފައި އޮންނަ މިންވަރަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ވެސް އެ ފެޑެރޭޝަނުން އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް، ކުރިން ވެސް ނިންމާފައިވާ ގޮތަށް ކުޅިވަރުން ބޭރުގައި އާއިލާއާ އެކު ދުވަސްތައް ހޭދަކުރުމަށް ބޭނުންވާތީ، ގާޑިއޯލާ ވަނީ އެ ހުށަހެޅުމަށް ފުރަގަސްދީ، އެކަން ފެޑެރޭޝަނަށް ރަސްމީކޮށް އަންގާފައެވެ.
ގާޑިއޯލާގެ އިތުރުން، އިޓަލީގެ ކޯޗުކަމުގެ މަޤާމަށް ދެން އެންމެ ބޮޑަށް ޝައުޤުވެރިކަންފާޅުކޮށްފައި ވަނީ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީއަށެވެ. އެހެން ނަމަވެސް، ބްރެޒިލްގެ ޤައުމީ ޓީމާ ހަވާލުވެހުރި އެންޗެލޯޓީއާ އެކު ކުރެވުނު މަޝްވަރާތައްވެސް ކާމިޔާބުވެފައި ނުވާއިރު، އޭނާވެސް ވަނީ އެ ފުރުޞަތު ދޫކޮށްލާފައެވެ.
މި ދެ ކޯޗުންގެ ފަރާތުން ވެސް އެދެވޭ އިޖާބައެއް ނުލިބުމާ ގުޅިގެން، މިހާރު އެންމެ ބޮޑަށް ބެލެވެނީ އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމާ ދެން ހަވާލުވާނީ ޔޫއޭއީގެ ޔުނައިޓެޑް އެފްސީއަށް މިވަގުތު އިރުޝާދުދެމުން އަންނަ އިޓަލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަންދްރެ ޕިރްލޯ ކަމަށެވެ. މީގެ އިތުރުން ވެސް، ރޮބާޓޯ މަންޗީނީ އަދި އެންޓޯނިއޯ ކޮންޓޭ ފަދަ ނަންތައް އިޓަލީގެ ކޯޗުކަމުގެ މަޤާމާ ގުޅުވައިގެން މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.