ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިއަދު އެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ހެޑް ކޯޗެއްގެ ގޮތުގައި، ކުރީގެ މަޝްހޫރު ނެދަލެންޑްސް ކުޅުންތެރިޔާ މާކް ވެން ބޮމެލް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފިއެވެ.
އުމުރުން 49އަހަރުގެ ވެން ބޮމެލް އާއެކު ވެފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2028ވަނަ އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ ނިޔަލަށެވެ. އޭނާ މި މަގާމާ ހަވާލުވަނީ، ފީފާ ވޯލްޑް ކަޕް 2026ގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ގެންގޮސްދިން ނަމަވެސް، ޓެކްޓިކަލް މައްސަލަތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު އެއްބަސްވުން އާނުކުރަން ނިންމި ރޫޑީ ގާސިއާގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމުންނެވެ.
މި ފުރުސަތާ ގުޅޭގޮތުން ވެން ބޮމެލް ނެރުނު ބަޔާނެއްގައި، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަން ފާހަގަކޮށް، ބެލްޖިއަމްގެ ހުނަރުވެރި ސްކޮޑާއެކު ކާމިޔާބީ ހޯދުމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ. އަދި ބެލްޖިއަމްގެ ފުޓްބޯޅަ އިދާރާއިން އޭނާއަށް ކުރި އިތުބާރަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
އައު ކޯޗުގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ޔުއެފާ ނޭޝަންސް ލީގުގައި އަންނަ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހު ރޯމްގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތިން ދުވަސް ފަހުން ބްރަސަލްސްގައި ފްރާންސާ ދެކޮޅަށް ނުކުންނައިރު، އޮކްޓޫބަރު މަހު ތުރުކީ އަދި ފްރާންސާ ދެކޮޅަށް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. ވެން ބޮމެލްއަށް އެހީތެރިވުމަށް އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ބޮޑަވިން ޒެންޑެން، މާޓެން މާޓެންސް އަދި ރެއިނިއާ ރޮބެމޮންޑް ވަނީ ހަމަޖައްސާފައެވެ.
ކޯޗިންގ ދާއިރާގައި މީގެ ކުރިން ވެން ބޮމެލް ވަނީ ބެލްޖިއަމްގެ އެންޓްވާޕަށް 2022/23ވަނަ އަހަރުގެ ސީޒަނުގައި ލީގާއި ކަޕް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން ޕީއެސްވީއާއި ވުލްފްސްބާގަށް އިރުޝާދުދީފައިވާއިރު، ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ނެދަލެންޑްސް ޤައުމީ ޓީމަށް 79މެޗު ކުޅެދީ 2010ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ވެސް ކުޅެފައެވެ. ހަމައެހެންމެ، ބާސެލޯނާ، ބަޔާން މިއުނިކް އަދި އޭސީ މިލާން ފަދަ ޔޫރަޕްގެ ގަދަބާރުތަކަށް ވެސް އޭނާ ވަނީ ކުޅެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.