ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޤައުމީ އަންހެން ވޮލީ ޓީމު ސަސްޕެންޑްކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ 15ވަނަ ދުވަހު އޮތް ފަރިތަކުރުންތަކަށް ކުޅުންތެރިން ހާޒިރުވެފައި ނުވާތީ، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ނުސީދާ ގޮތެއްގައި ސަސްޕެންޑްކޮށް، މާފަށް އެދުމަށް އަންގައިފިއެވެ.

ވީއޭއެމްއިން ޓީމަށް ފޮނުވި އީމެއިލެއްގައި ބަޔާންކޮށްފައި ވަނީ، ޤައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްތަކަށް ފަރުވާކުޑަކޮށްފައިވާ ކަމަށާއި، އަލުން ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ އެ އެސޯސިއޭޝަނުގެ ކިބައިން ރަސްމީކޮށް މާފަށް އެދުމުން ކަމަށެވެ. މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ "ޕީއެސްއެމް ނިއުސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުޅުންތެރިން ފަރިތަކުރުންތަކަށް ނުނިކުތީ، ވަޒީފާއަދާކުރާ އޮފީސްތަކުން ދީފައިވާ ރިލީޒްގެ މުއްދަތު މި މަހުގެ 16އަށް ހަމަވާތީ، އޭގެ ކުރީ ދުވަހު އަރާމުކޮށްލުމަށާއި އޮފީހަށް ނުކުތުމަށް ތައްޔާރުވުމަށް ފުރުސަތަކަށް އެދުމުން އެކަން ވީއޭއެމްއިން ހަމަޖައްސައިދީފައި ނުވާތީއެވެ.

މިއީ ފަހަކަށް އައިސް ވީއޭއެމްއިން ޤައުމީ ކުޅުންތެރިންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. އެގޮތުން، އެސޯސިއޭޝަނުގެ ހުއްދަ ނުހޯދައި ލ. އަތޮޅުގައި ބޭއްވި މުބާރާތެއްގައި ކުޅުނު މައްސަލައިގައި މިދިޔަ އަހަރު ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިންއަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން، ވީއޭއެމްއިން ވަނީ ދާދި ފަހުން ޤައުމީ ފިރިހެން ވޮލީ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ގިނަ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ސްކޮޑު އެކުލަވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު