އުތުރު އެމެރިކާގައި ބޭއްވި 2026ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ގައުމީ ޓީމުގައި ހިމެނޭ ފަބިއަން ރުއިޒްއާއި ގަވީއަށް، އެ ކުޅުންތެރިންގެ އުފަން ރަށް ކަމަށްވާ "ލޮސް ޕަލާސިއޯސް އީ ވިލާފްރަންކާ"އިން އެ މީހުންގެ ހަށިގަނޑުގެ ބަރުދަނާ އެއްވަރަށް އިއްޔެ ޓޮމާޓޯ ހަދިޔާކޮށްފިއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގެ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދެ ކުޅުންތެރިންނަށް ދޭނެ ޓޮމާޓޯގެ މިންވަރު ކަނޑައެޅީ ތިލަފަތަކުން ކިރުމަށް ފަހުގައެވެ. މިގޮތުން ޕީއެސްޖީއަށް ކުޅެމުން އަންނަ ރުއިޒްއަށް 85ކިލޯގެ ޓޮމާޓޯ އެރުވިއިރު، ބާސެލޯނާގެ ތަރި ގަވީއަށް ވަނީ 68.5ކިލޯގެ ޓޮމާޓޯ ދީފައެވެ.
ސެވިލްގެ ދެކުނުގައި އޮންނަ، އާބާދީގައި ސާޅީސް ހާސް މީހުންވެސް ހަމަނުވާ މި ކުޑަ ރަށުގައި، މިގޮތަށް ޓޮމާޓޯ ބެހުމަކީ ފަޚުރުވެރި ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޒަމާނުއްސުރެ ކުރަމުން އަންނަ ތަފާތު ސަގާފަތެކެވެ. ރަން މެޑެލް އަޅައިގެން މި ދެ ތަރިން އިވެންޓުގައި ބައިވެރިވިއިރު، ރަށުގެ ގިނަ އަދަދެއްގެ އާންމުންނާއި އިސް ފަރާތްތަކުން ވަނީ އެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ރަސްމިއްޔާތުގައި 2010ވަނަ އަހަރުގެ ވޯލްޑް ކަޕް ތާޖު ސްޕެއިނަށް ހޯދައިދިން އެ ރަށުގެ ފުރަތަމަ ކުޅުންތެރިޔާ ހީސޫސް ނަވާސް ވެސް ބައިވެރިވިއެވެ. ނަވާސްއާއި ރުއިޒްއަށް ވަނީ ދާދިފަހުން ނިމުނު ޔޫރޯ 2024ކާމިޔާބުކުރުމުން ވެސް މިފަދައިން ޓޮމާޓޯ ހަދިޔާކޮށްފައެވެ. ރަށުގެ ސްޕޯޓްސް ކޮމްޕްލެކްސްއަކަށް ނަވާސްގެ ނަން ދީފައިވާއިރު، ރުއިޒްއާއި ގަވީއަށް ނިސްބަތްކޮށް ރަށުގެ ފުޓްބޯޅަ ދަނޑުތަކަކަށް ނަން ދިނުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، މި ތިން ކުޅުންތެރިންނަކީ ޒުވާނުންނާއި ކުޑަކުދިންނަށް ހުރި ނަމޫނާއެއްކަމުގައި ބަލައި، އެ ކުޅުންތެރިންގެ ޝަރަފުގައި ޚާއްސަ ބިނާއެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.