2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް، ކުރިމަގުގައި ބާއްވާ މުބާރާތްތަކުން އެ ޤައުމު ބާކީކުރުމަށް އެދި އޮންލައިންކޮށް ހުޅުވާލި ޕެޓިޝަނެއްގައި 23މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
"އާޖެންޓީނާއައުޓް.ކޮމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު މުބާރާތުގެ ފައިނަލް މެޗަށް ފަހު ބަންދުކުރިއިރު، ޖުމްލަ 23،316،108މީހުން ވަނީ ބައިވެރިވެފައެވެ. ފަސް މިލިއަން ސޮއި ހޯދުމުގެ އަމާޒަކާ އެކު ފެށި މި ހަރަކާތަކީ ދުނިޔޭގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ގިނަ ބަޔަކު ސޮއިކުރި ޕެޓިޝަނެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި މިހާތަނަށް އެންމެ ގިނަ ސޮއި ހޯދާފައިވާކަމަށް ލިޔެވިފައި ވަނީ 24،319،181މީހުން ސޮއިކުރި ޕެޓިޝަނަކަށެވެ.
މި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައީ އާޖެންޓީނާއިން ކުޅުނު މެޗުތަކުގައި ފެނިގެންދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. އެގޮތުން، އެހެން ޓީމުތަކާ ޚިލާފަށް ގްރޫޕް ސްޓޭޖުގައި ފީފާއިން އާޖެންޓީނާއަށް ފަސޭހަ މެޗުތަކެއް ރާވައިދިންކަމުގެ ތުހުމަތުގެ އިތުރުން، ގަދަ 32ގައި ކޭޕް ވާޑޭއާ ދެކޮޅަށް އަދި ގަދަ 16ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރެފްރީން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްޞަކޮށް މިޞްރު މެޗުގައި އާޖެންޓީނާ މޮޅުކޮށްދިނުމުގެ ނިޔަތުގައި މިޞްރުން ކާމިޔާބުކުރި ލަނޑެއް ރެފްރީ ބަލައިގެންފައި ނުވާކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
މިހާ ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރި ނަމަވެސް، މިއީ ފީފާގެ މައްޗަށް އެއްވެސް ބާރުފޯރުވޭނެ ރަސްމީ ލިޔުމެއް ނޫނެވެ. އަދި އާޖެންޓީނާ މުބާރާތުން ބޭރުކުރަން ފީފާއަށް މަޖުބޫރުކުރެވޭނެ ހައިސިއްޔަތެއް ވެސް މި ޕެޓިޝަނަކަށް ލިބިގެނެއް ނުވެއެވެ.
އެހެން ނަމަވެސް، މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާޖެންޓީނާ ކުޅުންތެރިން ހިންގި ހަމަނުޖެހުންތަކެއްގެ މައްސަލަ ފީފާއިން މިހާރު އަންނަނީ ބަލަމުންނެވެ. ފައިނަލް މެޗު ނިމުމާ އެކު އާޖެންޓީނާގެ ލިއާންދްރޯ ޕަރެޑޭޒްއާއި ނަހުއެލް މޮލީނާގެ އިތުރުން ކޯޗިން ސްޓާފުންގެ ތެރެއިން ބަޔަކު ވަނީ ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދީ، ދަނޑުމަތީގައި މާރާމާރީ ހިންގާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.