ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ސަބަބުން ފުޓްބޯޅަ ފަނާވަމުންދާކަމަށް ލަލީގާގެ ރައީސް ވިދާޅުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64އަށް އިތުރުކުރުމަށް ފީފާއިން ކުރަމުންދާ މަޝްވަރާތަކަށް ސްޕެއިންގެ ލަލީގާގެ ރައީސް ހަވިއާ ޓެބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިއީ ފީފާއިން ފުޓްބޯޅަ ހަލާކުކޮށްލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ސްޕޭނާއި ޕޯޗުގަލްގެ އިތުރުން މޮރޮކޯގައި މައިގަނޑު ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ވޯލްޑް ކަޕުން ފެށިގެން، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64އަށް އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަކީ ފީފާއިން 48ޓީމަށް މުބާރާތް ފުޅާކޮށްގެން ބޭއްވި ފުރަތަމަ މުބާރާތެވެ.

އިތަލީގެ ކުޅިވަރު ނޫހެއް ކަމަށްވާ ގެޒެޓާ ޑެލޯ ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ، ވޯލްޑް ކަޕްގެ ޓީމުތައް އިތުރުކުރުމަކީ ފުޓްބޯޅައަށް އޮތް އެންމެ ރަނގަޅު ބަދަލެއް ނޫން ކަމަށެވެ. އަދި ފުޓްބޯޅަ އިންޑަސްޓްރީއަކީ ހަމައެކަނި ވޯލްޑް ކަޕް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މުބާރާތްތަކުގެ ކަލަންޑަރާ މެދު އަހަރެމެންގެ ހުރި ކަންބޮޑުވުންތައް ތަކުރާރުކޮށް ވަނީ ހާމަކޮށްފައި. އަދި މިހާރު އެމީހުން ބޭނުންވަނީ 64ޓީމުގެ ވޯލްޑް ކަޕެއް އިންތިޒާމުކުރަން"ޓެބާސް ވިދާޅުވިއެވެ.

ލަލީގާގެ ރައީސް އިތުރަށް ވިދާޅުވީ ފުޓްބޯޅަ އިންޑަސްޓްރީ ދަމަހައްޓައި، މި ކުޅިވަރު ދިރުވަނީ ގައުމީ ލީގުތަކުން ކަމަށެވެ. ނަމަވެސް ފީފާއަށް އެކަން ނުވިސްނޭ ކަމަށާއި، އެ އިދާރާއިން ނިންމުންތައް ނިންމަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ވިދާޅުވެ އޭނާ ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު