ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު 4ގައި ފަށަން ތާވަލުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އެކިއެކި ސަބަބުތަކާ ގުޅިގެން ފަސްކުރަމުން އައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ އީދު ކަމަށްވާ "ސާފް ޗެމްޕިއަންޝިޕް"ގެ 15ވަނަ މުބާރާތް، އަންނަ ނޮވެމްބަރު މަހުގެ 4އިން 17އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އިން ނިންމައިފިއެވެ.

ސާފްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މިއަހަރުގެ މުބާރާތް އޮންނާނެ ތާރީޚާއި ހޯސްޓްކުރާނެ ޤައުމު މިހާރު ވަނީ ޔަޤީންކުރެވިފައެވެ. އަދި ސަރަހައްދުގެ ފުޓުބޯޅަ އާއިލާއިން އެންމެ ބޮޑަށް އިންތިޒާރުކުރާ މި ބޮޑު މުބާރާތުގައި، އެ އިދާރާގެ މެންބަރުކަން އޮންނަ ހުރިހާ ޤައުމަކުން ވާދަކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް އެ ފަރާތުން ފާހަގަކުރެއެވެ.

މުބާރާތުގެ ރަސްމީ ލޯގޯ ދައްކާލުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މަހުގެ 25ވަނަ ދުވަހު ޑާކާގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ޓީމުތައް ގްރޫޕްތަކަށް ބެހުމަށް ބާއްވާ ގުރުއަތުލުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބޫޓާންގެ ވެރިރަށް ތިމްޕޫގައި ކުރިއަށްދާނެއެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން މި މުބާރާތް ކުޅެފައިވަނީ 2018ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލްގައި އިންޑިއާ ބަލިކޮށް، ދިވެހިރާއްޖެއިން ވަނީ އެ ޤައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ. ރާއްޖެއިން ވެސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުބާރާތް ހޯސްޓްކޮށްފައެވެ. އެއީ 2008ވަނަ އަހަރު ސްރީލަންކާއާ ގުޅިގެން އަދި 2021ވަނަ އަހަރު އެކަންޏެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ފާއިތުވި 2023ވަނަ އަހަރު އިންޑިއާގައެވެ. ފީފާގެ ސަސްޕެންޝަނުގެ ސަބަބުން ލަންކާއަށް އެފަހަރު ބައިވެރިނުވެވުނު ނަމަވެސް، ދެކުނު އޭޝިއާއިން ބޭރުން ކުވެއިތާއި ލުބުނާނުން ވަނީ ވާދަކޮށްފައެވެ. ސާފްގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ އިންޑިއާއިން ވަނީ އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު