ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

2030 ގެ ވޯލްޑް ކަޕްގައި 64 ޓީމު ވާދަކުރާ ގޮތަށް ބަދަލުކުރަން ފީފާއަށް ހުށަހަޅައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕަށް ސަތޭކަ އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، 2030ވަނަ އަހަރުގެ މުބާރާތުގައި ޖުމްލަ 64ގައުމަކަށް ފުރުސަތު ދިނުމަށް ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާ (ކޮންމެބޯލް)އިން ރަސްމީކޮށް ހުށަހަޅައިފިއެވެ. 

ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ވޯލްޑް ކަޕްގެ ފަޚުރުވެރި ގަރުނު ފާހަގަކުރުމުގެ ގޮތުން 64ޓީމާއެކު މުބާރާތް ކުރިއަށް ގެންދިއުމަކީ ފުޓުބޯޅައަށް ހުޅުވިގެންދާނެ ނުހަނު ބޮޑު ދޮރެއް ކަމަށެވެ. މިފަދަ ހުށަހެޅުމެއް ފެންމަތިވެފައި މިވަނީ، އުތުރު އެމެރިކާގައި 48ޓީމު ހިމަނައިގެން ބޭއްވި ފުރަތަމަ މުބާރާތުގެ ކުޅުން ނިމުނުތާ އެންމެ 24ގަޑިއިރުވެސް ނުވަނީހެވެ.

ޑޮމިންގޭޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 2030ގެ މުބާރާތަކީ ދެކުނު އެމެރިކާއަށް ވަރަށް ހާއްސަ މުބާރާތެކެވެ. އެގޮތުން 1930ވަނަ އަހަރު އުރުގުއޭގައި ކުޅުނު އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ހަނދާން އާކުރުމުގެ ގޮތުން، 2030ގެ މުބާރާތުގެ ފުރަތަމަ މެޗުތައް އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ނަމަވެސް އެ އަހަރުގެ މުބާރާތް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފީފާއިން މިހާރު ނިންމާފައިވަނީ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގައެވެ. ޓީމުތަކުގެ އަދަދު އިތުރުކުރުމަށް ކޮންމެބޯލް އިން ކުރި މި އައު ހުށަހެޅުމާމެދު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު