އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެރޭ ކުޅުނު 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ ތަށި ދިފާއުކުރެވޭ ގޮތް ނުވުމުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފުން ހިތާމައެއް ފާޅުކޮށްފިއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފަހު ހާފުގައި ފެރާން ޓޮރޭޒް ޖަހައިދިން ހަމައެކަނި ލަނޑުން ސްޕެއިން މުބާރާތް ކާމިޔާބުކުރިއިރު، މިއާއެކު 1962ވަނަ އަހަރު ބްރެޒިލުން ހެދި ރެކޯޑާ ހަމަކުރުމަށް އާޖެންޓީނާއިން ކުރަމުންދިޔަ އުއްމީދުތައް ވަނީ ފެނަށް ގޮސްފައެވެ. ވިދިވިދިގެން ދެ ފަހަރު ވޯލްޑް ކަޕް ހޯދުމުގެ ފުރުސަތު ގެއްލުމަކީ ބޮޑު މާޔޫސްކަމެއްކަން ފާހަގަކުރަމުން މެސީ ބުނީ މި ހިތްދަތިކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި އުމުރުން 39އަހަރުގެ ތަރި ވަނީ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމަށް މަރުހަބާ ކިޔާފައެވެ. އަދި ބަލިވި ނަމަވެސް، ޖެހިޖެހިގެން ދެ މުބާރާތުގެ ފައިނަލުގައި ކުޅުމަކީ އާދައިގެ ކަމެއް ނޫންކަން ފާހަގަކޮށް، މުޅި ޤައުމުން ދިން ފުރިހަމަ އެއްބާރުލުމަށާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މެސީ ބުނެފައި ވަނީ، މުޅި ޤައުމު އެކަތިގަނޑަކަށްވެ އާޖެންޓީނާގެ ރައްޔިތެއްގެ ގޮތުގައި ހުރެވުނީތީ އިންތިހާއަށް ފަޚުރުވެރިވާކަމަށާއި، ކާމިޔާބުކުރެވުނު އުފާވެރި ހަނދާންތައް އަބަދުވެސް އާކުރާނެ ކަމަށެވެ.
މި ފައިނަލާއެކު އެމެރިކާގެ އިންޓަރ މަޔާމީއަށް މިހާރު ކުޅެމުން އަންނަ މެސީ ވެފައި ވަނީ ދުނިޔޭގެ ތާރީޚުގައި ވެސް ތިން ވޯލްޑް ކަޕެއްގެ ފައިނަލްގައި (2014، 2022އަދި 2026)ކުޅުނު ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައި ވަނީ ހަމައެކަނި ބްރެޒިލްގެ ލެޖެންޑް ކަފޫއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު އަށް ފަހަރު ހޯދާފައިވާ މެސީއަކީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ފައިނަލިސިމާގެ އިތުރުން 2021އަދި 2024ގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އާޖެންޓީނާގެ ތާރީޚުގައި ވެސް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދިން ފަޚުރުވެރި ކެޕްޓަނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.