ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު، ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމުން ތަށި އުފުލާލައި އުފާފާޅުކުރި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ފްރޭމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، އެމަނިކުފާނަށާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ސަޕޯޓަރުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.
އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވި މި މުބާރާތުގެ ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓްރަމްޕް ވަނީ ސްޕެއިންގެ ކުޅުންތެރިންގެ އުފާފާޅުކުރުންތަކުގެ ތެރެއަށް ވެދެވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ.
ސްޕެއިންގެ ޓީމާއެކު ޕޯޑިއަމް ކައިރީގައި ޓްރަމްޕް ހުންނަވަން އުޅުއްވުމުން، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ މަޑުމަޑުން އޭނާ އެ ސަރަހައްދުން ދުރަށް ގެންގޮސްފައެވެ. އެ ވަގުތު ދަނޑުގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓްރަމްޕާއި އިންފަންޓީނޯގެ ނަން ގޮވައި، ތުނބުން ފުމެ ނުރުހުން ފާޅުކޮށް މަލާމާތް ކޮށްފައެވެ. މިއީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ފަހު ޗެލްސީން ތަށި ހޯދުމުން ވެސް ޓްރަމްޕްގެ ފަރާތުން ފެނުނު ފަދަ އަމަލެކެވެ. އެ ފަހަރު ވެސް އޭނާ ވަނީ ކުޅުންތެރިންގެ އުފާފާޅުކުރުމުގެ ތެރެއަށް ވަދެވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ.
ރާއްޖޭ ގަޑިން އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ބައްލަވާލެއްވުމަށް ޓަކައި ރައީސް ޓްރަމްޕް ދަނޑަށް ވަޑައިގަތީ ރިޔާސީ ހެލިކޮޕްޓަރުގައެވެ. ދަނޑުގެ ވީއައިޕީ ބިއްލޫރި ކެބިންއެއްގައި އޭނާ އިންނެވިއިރު، އަރިހުގައި ސްޕެއިންގެ ރަސްގެފާނު ފެލިޕޭއާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ އިތުރުން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މެޗު ފެށުމުގެ ކުރިން ދަނޑުގެ ބޮޑު ސްކްރީނުން ޓްރަމްޕް ދެއްކި ވަގުތު ވެސް ބައެއް ސަޕޯޓަރުން ވަނީ ތުނބުން ފުމެ މަލާމާތް ރައްދުކޮށްފައެވެ. އަދި އޭނާ ދަނޑަށް އަރާވަޑައިގެންނެވި ވަގުތު ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން ވަރަށް ބޮޑަށް އަޑުގަދަކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާގެ ފަސްގަނޑުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލެއް ބެއްލެވުމަށް އެ ގައުމުގެ ރައީސަކު ދަނޑަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން 1994ވަނަ އަހަރު އެމެރިކާގައި ވޯލްޑް ކަޕް ބޭއްވިއިރު، އޭރުގެ ރައީސް ބިލް ކްލިންޓަން ފައިނަލް މެޗަށް ވަޑައެއްނުގަންނަވައެވެ. އެ ފަހަރު ތަށި ހަވާލުކޮށްދެއްވީ އޭރުގެ ނައިބު ރައީސް އަލް ގޯއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.