ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯ ކުރެއްވި ދަތުރުފުޅުތަކުގެ ސިއްރުތައް އޭޕީން ހާމަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ތިން ޤައުމެއްގެ 16ސިޓީއެއްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޕްރައިވެޓް ޖެޓެއްގައި މުޅި ދުނިޔެ ވަށައި ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު ރާސްތާއެއް ކަޑައްތުކުރައްވާފައިވާކަން، އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ކުރެއްވި މި ދަތުރުފުޅުތަކުގެ މައުލޫމާތު އޭޕީން އެއްކޮށްފައި ވަނީ އޭނާގެ ފްލައިޓް ލޮގުތަކާއި، ފޮޓޯތަކުގެ އިތުރުން ފީފާ އަދި އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުތަކަށް ބިނާކޮށެވެ. މުބާރާތުގެ ފައިނަލާ ހަމައަށް އައިއިރު އޭނާ ކޮށްފައިވާ ދަތުރުތަކަށް ބަލާއިރު، މިކަމަށް ޓަކައި ބޭނުންކުރެއްވީ ވޯލްޑް ކަޕްގެ ސްޕޮންސަރެއް ކަމަށްވާ ގަތަރު އެއަރވޭސްގެ ޕްރައިވެޓް ޗާޓަރުން އޮޕަރޭޓްކުރާ، ގަތަރު ސަރުކާރުގެ "ގަލްފްސްޓްރީމް ޖީ 650"މަރުކާގެ ޖެޓެކެވެ.

"ފްލައިޓް އެވެއަރ"ސައިޓުގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ 9ވަނަ ދުވަހު ލޮސް އެންޖެލިސްއިން މެކްސިކޯ ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެވްރެޖުކޮށް ދުވާލަކު އެއް ފްލައިޓަށް ވުރެ ގިނައިން އެ ބޯޓު އުދުހިފައިވެއެވެ. އަދި ބައެއް ދުވަސްދުވަހު ތިން ދަތުރު ވެސް ކޮށްފައިވެއެވެ. މެޗުތަކަށް ވަޑައިގަތުމުގެ އިތުރުން، އިންފަންޓީނޯ ވަނީ ފީފާގެ 211މެންބަރުންގެ ސަމިޓަކަށް މަޔާމީއަށް ވަޑައިގެންފައެވެ. އަދި އިންޓަވިއުއަކަށް ނިއު ޔޯކަށް، އަދި ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާއަށް ދޯހާއަށް ވެސް ދަތުރުކުރެއްވިއެވެ.

މިފަދަ ގިނަ ދަތުރުތަކެއް ކޮށްފައިވާއިރު، މިއީ ތިމާވެއްޓާ ގުޅޭގޮތުން ފީފާއިން ވެފައިވާ ވައުދުތަކާ ފުށުއަރާ ކަމެއްކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. 2030ވަނަ އަހަރު އަންނަންވާއިރަށް ފީފާގެ ކާބަން ފުޓްޕްރިންޓް ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް އަމާޒު ހިފާފައިވީ ނަމަވެސް، މި މުބާރާތަކީ އޮފިޝަލުންނާއި ޓީމުތަކުގެ ގިނަ ދަތުރުތަކުގެ ސަބަބުން ތާރީޚުގައި ވެސް ތިމާވެއްޓަށް އެންމެ ގެއްލުންބޮޑު ވޯލްޑް ކަޕަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން އިންޒާރުދެއެވެ. އޭޕީގެ މި ރިޕޯޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެދުމުން ފީފާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު