ތިން ޤައުމެއްގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، މުބާރާތުގައި ވާދަކުރާ 48ޓީމަށް ދޭ ފައިސާގެ އިނާމު ޖުމްލަ 871މިލިއަން ޑޮލަރަށް ފީފާއިން އިތުރުކޮށްފިއެވެ.
މުބާރާތުގެ ތަށި އުފުލާލާ ޓީމަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެއެވެ. އެގޮތުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާ ޤައުމަކަށް 51މިލިއަން ޑޮލަރު ލިބޭއިރު، ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަން ޓީމަށް ރަން އަނގޮޓިއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ ފައިނަލުން ބަލިވެ، ރަނަރަޕް މަޤާމަށްދާ ޓީމަށް 34މިލިއަން ޑޮލަރު ލިބިގެންދާނެއެވެ.
ވޯލްޑް ކަޕަށް ކޮލިފައިވާ ކޮންމެ ޓީމަކަށް ވެސް އާމްދަނީއެއް ކަށަވަރުވެފައިވާއިރު، ގްރޫޕް ސްޓޭޖުން ކަޓާ ޓީމުތަކަށް ވެސް މަދުވެގެން 12.5މިލިއަން ޑޮލަރު ލިބޭނެއެވެ. މީގެ ތެރޭގައި މުބާރާތުގައި ބައިވެރިވުމަށް ދޭ 10މިލިއަން ޑޮލަރާއި، ފަރިތަކުރުންތަކަށާއި ތައްޔާރީތަކަށް ދޭ 2.5މިލިއަން ޑޮލަރު ހިމެނެއެވެ. ކުޅުންތެރިންނަށް ބޯނަސް ނުލިބުމުގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ތައްޔާރީތަކަށް ދޭ ފައިސާ ފީފާއިން ދޫކުރާނީ މުބާރާތް ފެށުމުގެ ކުރިންނެވެ. މުބާރާތުގައި ކުރިއަށްދާ ވަރަކުން ލިބޭ ފައިސާގެ އަދަދު އަންނާނީ އިތުރުވަމުންނެވެ.
މިފަހަރުގެ ފައިސާގެ އިނާމުގެ އަދަދަކީ ފީފާގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެވެ. މީގެ ކުރިން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 100މިލިއަން ޑޮލަރު މިދިޔަ އެޕްރީލް މަހު އިތުރުކުރީ، ޔޫރަޕްގެ ބައެއް ފެޑެރޭޝަންތަކުން ކުރި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ، ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއެކު، މުބާރާތުގެ ކުރީކޮޅު ކަޓައިފި ނަމަ ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ގަތަރުގައި 2022ވަނަ އަހަރު 32ޓީމާއެކު ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމީ ފަންޑަކީ 440މިލިއަން ޑޮލަރެވެ. އެ ފަހަރު ތަށި އުފުލާލި އާޖެންޓީނާއަށް ލިބުނީ 42މިލިއަން ޑޮލަރެވެ. ޗެމްޕިއަން ޓީމަށް މިފަހަރު 51މިލިއަން ޑޮލަރު ލިބުނު ކަމުގައިވިޔަސް، މިއީ މިހާރުގެ ފުޓުބޯޅައިގެ ބާޒާރަށް ބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ. މިސާލަކަށް، އިނގިރޭސި ކުލަބު ބްރައިޓަންއިން ދާދި ފަހުން 19އަހަރުގެ ކްރޮއޭޝިއާ ޑިފެންޑަރު ލޫކާ ވުސްކޮވިޗް ގެނައުމަށް ކުރި ހޭދައަށްވުރެ ވެސް މިއަދަދު ކުޑަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.