އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިން ޖާގަ ކަށަވަރުކުރުމަކީ، އެ ޓީމުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެއް އަމާޒަކަށް ކުރި މިންނަތް މަސައްކަތުގެ ފުރިހަމަ ނަތީޖާކަމުގައި ކެޕްޓަން ރޮޑްރީ ސިފަކޮށްފިއެވެ.
ދުނިޔޭގެ ތަށި ދިފާއުކުރުމަށް ނުކުންނަ އާޖެންޓީނާއާ ދެކޮޅަށް ފައިނަލުގައި ސްޕެއިން ނުކުންނައިރު، މިއީ އެ ޤައުމުގެ ފުޓުބޯޅަ ތާރީޚުގައި ވޯލްޑް ކަޕެއްގެ ފައިނަލްގައި ކުޅޭނެ ދެވަނަ ފަހަރެވެ. ފައިނަލްގެ ކުރިން ބޭއްވި 'ފެނެޓިކްސް ފެސްޓް' ގައި ވާހަކަދައްކަމުން ރޮޑްރީ ފާހަގަކުރި ގޮތުގައި، މިހާރު ޓީމަށް ލިބިފައިވާ އާދަޔާޚިލާފު ކުރިއެރުމުގެ އަސްލަކީ 2023ގެ ނޭޝަންސް ލީގާއި 2024ގެ ޔޫރޯ މުބާރާތުގައި ހޯދި ކާމިޔާބީތަކެވެ. އަދި ފައިނަލް މެޗުގައި ބަލިވެދާނެކަމުގެ ބިރު ދޫކޮށް، ކެރިގެން ކުރިމަތިލުމަށް އޭނާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދީފައެވެ.
މުޅި މުބާރާތުގައި ވެސް ސްޕެއިންގެ ފަރާތުން ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. ކުޅުނު ހަތް މެޗުން ބައިކޮޅަށް އެންމެ ލަނޑެއް ވަދެފައިވާއިރު، ސެމީ ފައިނަލްގައި ފްރާންސްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ އެއްވަރުވި ނަމަވެސް، އޭގެ ފަހުން ކުޅުނު ހުރިހާ މެޗެއްގައި އިދިކޮޅު ޓީމުތަކުގެ ގޯލަށް 13ލަނޑު ވައްދާފައިވެއެވެ. މީގެ އިތުރުން، މުހިންމު ދަނޑިވަޅުތަކުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުތަކާއި، ކީޕަރު އުނާއީ ސިމޯންގެ މޮޅު ސޭވްތައް ޓީމު ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު 2024ވަނަ އަހަރު ހާސިލުކުރި ރޮޑްރީ ބުނީ، ސްޕެއިން ޓީމަކީ ހަމައެކަނި ވަކި ވައްޓަފާޅިއަކަށް ކުޅޭ ބައެއް ނޫން ކަމަށެވެ. އެގޮތުން، ކޮންމެ ހާލަތަކާ ވެސް ގުޅޭގޮތަށް ކުޅުން ބަދަލުކޮށްލުމުގެ ހުނަރު ޓީމުގައި ހުރިކަމަށާއި، ޑިފެންސްކުރުމާއި ކައުންޓަރ އެޓޭކަށް ދިއުމުގައިވެސް ކުޅުންތެރިން ތިބީ ފުރިހަމައަށް ފަރިތަވެފައިކަން އޭނާ ފާހަގަކުރިއެވެ. ފައިނަލް މެޗަކީ ފިޒިކަލް ގޮތުން ވަރުގަދަ ކުރިމަތިލުމަކަށް ވާނެތީ އެކަމަށް ވެސް ފުރިހަމައަށް ތައްޔާރުވެފައިވާކަން ރޮޑްރީ ޔަގީންކޮށްދިނެވެ.
ސްޕެއިނުން އެންމެ ފުރަތަމަ ވޯލްޑް ކަޕް އުފުލާލިތާ 16އަހަރު ފަހުން އަލުން އެ ޝަރަފު ހޯދުމުގެ ފުރުސަތު ފަހިވެފައިވާއިރު، ރޮޑްރީގެ އަމާޒު ހުރީ ކުރިއަށެވެ. ފްރާންސް މެޗުގައި ދެއްކި ކުޅުމަކީ މިހާތަނަށް އެންމެ ފުރިހަމަ ކުޅުންކަމަށް ވިޔަސް، ޗެމްޕިއަން އާޖެންޓީނާ ބަލިކުރަން އެއަށްވުރެ މޮޅަށް ކުޅެންޖެހޭނެކަމަށް އުމުރުން 30 އަހަރުގެ ކެޕްޓަން ގަބޫލުކުރެއެވެ. އެހެންނަމަވެސް، މުބާރާތުގެ ތަށި ސްޕެއިނަށް ގެންދެވޭނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޭނާގެ އެބައޮތެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.