އަންނަ އާދީއްތަ ދުވަހުގެ ރޭ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލް މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމާ މެދު އެއްވެސް ވަރަކަށް ފަރުވާ ކުޑަނުކުރުމަށް، 2010ވަނަ އަހަރު ސްޕެއިނަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ގައުމީ ޓީމަށް ގޮވާލައިފިއެވެ.
ސްޕެއިންގެ ނޫހަކަށް މައުލޫމާތު ދެމުން އުމުރުން 75އަހަރުގެ ތަޖުރިބާކާރު ކޯޗު ބުނެފައި ވަނީ، އާޖެންޓީނާ ޓީމަކީ އިދިކޮޅަށް ކުޅޭ ބަޔަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ، ދަނޑުމަތީގައި އަމަލުކުރަންވީ ގޮތް ވަރަށް ރަނގަޅަށް ދެނެހުރި ނުރައްކާތެރި ބައެއް ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން އޭނާ ވަނީ، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި އާޖެންޓީނާއިން ހޯދި މޮޅު ފާހަގަކޮށް، އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ.
މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ސްޕެއިނަށް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އާޖެންޓީނާ ކުޅުންތެރިންގެ ތަޖުރިބާއަށާއި އެ ޓީމާ ދެކޮޅަށް ކުޅުމުގައި ހުރި އުނދަގޫތަކަށް ބަލައި ސްޕެއިނުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަން އޭނާ ތަކުރާރުކުރިއެވެ. މީގެ އިތުރުން، މިހާތަނަށް މުބާރާތުގައި ސްޕެއިނުން ދައްކާފައިވާ މޮޅު ކުޅުމަށް ތައުރީފުކުރަމުން ޑެލް ބޮސްކޭ ބުނީ، މެޗުތަކުގެ ކޮންޓްރޯލް ނަގައިގެން ވަރަށް ޔަގީންކަމާ އެކު ކުޅެމުންދާތަން ފެނިފައިވާ ކަމަށާއި، މި ފަހަރުގެ ތަށި ސްޕެއިނުން އުފުލާލާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.