ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕްގެ ފޯރި ހަމަނުޖެހުމަށް: ބަނގްލަދޭޝްގައި 12މަރު!

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަވެ، އަވަށްޓެރި ބަންގްލަދޭޝްގައި ސަޕޯޓަރުންގެ މެދުގައި ހިނގި ސިލްސިލާ ހަމަނުޖެހުންތަކާއި އެކި ހާދިސާތަކުގައި މިހާތަނަށް ބާރަ މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ފާއިތުވި ޖޫން މަހުގެ 9ވަނަ ދުވަހުން ފެށިގެން މި މަހުގެ 8ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ވޯލްޑް ކަޕާ ގުޅުންހުރި 15ހަމަނުޖެހުމެއް ވަނީ ހިނގާފައެވެ. މި ކަންކަމުގެ ތެރޭގައި ފުރާނަ ގެއްލުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވީ ސީދާ މާރާމާރީތަކުގައެވެ. ދެން ތިބި މީހުން މަރުވެފައި ވަނީ އުފާފާޅުކުރުމުގެ ތެރޭގައި ހިނގި ކަރަންޓުގެ ހާދިސާތަކާއި މަގުމަތީގެ އެކްސިޑެންޓުތަކުގައެވެ. މީހުން މަރުވި މައްސަލަތަކާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިގޮތުން ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާގައި، މުބާރާތުގެ ގަދަ 16ގައި އާޖެންޓީނާ ކުޅުނު މެޗަށް ފަހު ދާންޕޫރު ވިލެޖުގައި ހިނގި ހަމަނުޖެހުމެއްގައި 32އަހަރުގެ ޝަރީފުލް އިސްލާމް ނަމަކަށް ކިޔާ މީހަކު ވަނީ މަރާލާފައެވެ. އޭނާއަށް ހަމަލާދިނީ އާޖެންޓީނާއަށް ސަޕޯޓުކުރާ ދެމީހެކެވެ. މީގެ އިތުރުން، ބްރެޒިލް ކުޅުނު މެޗަކަށް ފަހު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ 15އަހަރުގެ ކުޑަކުއްޖެއްގެ ފުރާނަ ވެސް ވަނީ ދުއްވާލާފައެވެ. އަދި މިފަދަ އެހެނިހެން ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބަންގްލަދޭޝްއަކީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ދުވަހަކު ވެސް ލިބިފައިނުވާ ގައުމެކެވެ. ނަމަވެސް، މުބާރާތް ކުޅޭ ގައުމުތަކަށް ވުރެ ބޮޑަށް އެ ގައުމުގައި ފުޓުބޯޅައިގެ ޖޯޝް އޮވެއެވެ. ބޮޑެތި ސްކްރީންތަކުގެ ދޮށަށް އެތައް ހާސް ބަޔަކު ޖަމާވާއިރު، ޚާއްސަކޮށް އާޖެންޓީނާއާއި ބްރެޒިލްގެ ސަޕޯޓަރުންގެ މެދުގައި އޮންނަ ވާދަވެރިކަން ވަރަށް ބޮޑެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު